ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ މޯލްޑިވްސް ޑިވޮލޮޕްމަންޓް ބޭންކް (އެމްޑީބީ) ގެ ވިޔަފާރި މުއާމަލާތްތައް ރަސްމީކޮށް ފެށުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދީފިއެވެ. އެމްއެމްއޭއިން މިއަދު ހާމަކުރި ގޮތުގައި، އެ ބޭންކަށް "ބިޒނަސް ކޮމެންސްމަންޓް ޕަރމިޓް" ނުވަތަ ވިޔަފާރި ފެށުމުގެ ހުއްދަ މިހާރު ވަނީ ދޫކޮށްފައެވެ.
ރާއްޖޭގައި ތަރައްޤީގެ ބޭންކެއް ޤާއިމުކުރުމަށް ބޭނުންވާ ބޭންކިންގ ލައިސަންސް އެމްއެމްއޭއިން އެމްޑީބީއަށް އެންމެ ފުރަތަމަ ދޫކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުއެވެ. ލައިސަންސް ދޫކުރިތާ ދޮޅު އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔައިރު، ބޭންކުގެ ޚިދުމަތްތައް ފުޅާ ދާއިރާއެއްގައި ފެށިފައި ނުވިނަމަވެސް، މިއަދު ލިބުނު ހުއްދައާއެކު ބޭންކުގެ އަމަލީ މަސައްކަތްތައް ފެށުމަށް މިވަނީ މަގުފަހިވެފައެވެ.
މަރުކަޒީ ބޭންކުން ދެކޭ ގޮތުގައި މިއީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކޮށް ފުޅާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މި ބޭންކުގެ ޚިދުމަތް ފެށުމުން، ދިގު މުއްދަތުގެ މާލީ އެހީތެރިކަން ނުވަތަ ލޯންގް ޓާމް ފައިނޭންސިންގ ހޯދުމަށް ފަސޭހަވެގެންދާނެއެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ.
މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މީގެ ކުރިން ވިދާޅުވެފައިވަނީ، ޑިވެލޮޕްމަންޓް ބޭންކެއް ވުޖޫދަށް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އިޤްތިޞާދީ ތަރައްޤީގެ މުހިންމު ވަޢުދެއް ކަމަށެވެ. މިނިސްޓަރު ސިފަކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ އިޤްތިޞާދީ ތާރީޚުގައި އެޅުނު މުހިންމު މޭލުގަލެކެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބޭންކު މެދުވެރިކޮށް ބޭރުގެ ބޭންކުތަކާ ގުޅިގެން މާލީ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. ޚާއްޞަކޮށް ރާއްޖޭގެ ގެސްޓްހައުސްތަކާއި ރިސޯޓުތައް ތަރައްޤީކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް މަގުފަހިވެ، ފަތުރުވެރިކަމުގެ ސިނާޢަތުގައި ދިވެހިންގެ ހިއްސާ އިތުރުވެގެންދާނެއެވެ. އަދި މިއީ ރިސޯޓުތައް ދިވެހިންގެ އަތްމައްޗަށް ގެނައުމަށް ލިބިގެންދާނެ ބާރެއް ކަމަށްވެސް ސަރުކާރުން ޤަބޫލުކުރެއެވެ.
ކޮމެންޓު ފޮނުވާ