މުޅިން އަލަށް ބޭއްވި ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރި ފަހު މެޗުގައި، ދިވެހިރާއްޖެ 14-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް، އެއްވެސް މެޗަކުން ބަލިނުވެ ބަންގްލަދޭޝް އިން މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފިއެވެ. މިއީ މި މުބާރާތުގައި ފެނިގެންދިޔަ އެންމެ ތަފާތު ބޮޑު ނަތީޖާ ކަމަށްވާއިރު، ބަންގްލަދޭޝް އިން މުބާރާތް ނިންމާލީ ކުޅުނު ހަ މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ.
މި މެޗަށް ރާއްޖެއިން ނުކުތީ ޓީމުގެ މުހިންމު ކުޅުންތެރިޔާ އަދި ކެޕްޓަން ފާތިމަތު ސާލިޔާ އަށް އަނިޔާވުމުގެ ސަބަބުން އޭނާއާ ނުލައެވެ. އެހެންނަމަވެސް މެޗުގެ ކުރީކޮޅު ރާއްޖެއިން ވަނީ ހިތްވަރުކޮށް ލީޑު ނަގައިފައެވެ. މި ލަނޑަކީ ބަންގްލަދޭޝްގެ ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދުމަށްފަހު ރާނިޔާ އިބްރާހިމް ފޮނުވާލި ހަމަލާއެއް، ކީޕަރު ބްލޮކްކުރި ވަގުތު ޑިފެންޑަރު ގައިގައި ޖެހިފައި ގޯލަށް ވަން ބޯޅައެކެވެ. ނަމަވެސް، މި ލަނޑަށްފަހު ބަންގްލަދޭޝް އިން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރިއެވެ. އަދި ފުރަތަމަ ހާފު ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ލީޑު ނަގައި، ގާތްގާތުގައި ގިނަ ލަނޑުތަކެއް ޖަހައި ހާފު ނިންމާލީ ހަ ގޯލުގެ ލީޑަކާއެކުގައެވެ.
މެޗުގެ ދެވަނަ ހާފުގައި ބަންގްލަދޭޝްއިން އިތުރު ލަނޑުތަކެއް ޖަހައި ފަރަގު ބޮޑުކުރިއިރު، ރާއްޖޭގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން އެންމެ 15 ސިކުންތަށް ވެފައިވަނިކޮށެވެ. އާމިނަތު ފަޒްލާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މިއަދުގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު މަރިޔަމް ނޫރާއެވެ. މުބާރާތުގައި ރާއްޖެ ކުޅުނު ހަ މެޗުންވެސް ބަލިވެފައިވާއިރު، މެޗަކަށްފަހު މެޗެއް ރާއްޖޭގެ ކުޅުން ރަނގަޅު ކުރަމުން އައި ނަމަވެސް، ފަހު މެޗުގައި ކެޕްޓަން ސާލިޔާ ނެތުމުގެ ދަތިކަން ޓީމަށް ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ.
މުބާރާތުގެ ފޯރިގަދަ މެޗުތަކެއް އަދިވެސް ކުރިއަށް އެބައޮތެވެ. އެގޮތުން ސްރީލަންކާ އާއި އިންޑިއާ ބައްދަލުކުރާ މެޗާއި، ނޭޕާލާއި ބޫޓާން ބައްދަލުކުރާ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ޕޮއިންޓް ތާވަލަށް ބަލާއިރު، ޗެމްޕިއަން ބަންގްލަދޭޝްގެ ފަހަތުން ދެވަނައިގައި އޮތީ މިހާތަނަށް ކުޅުނު ފަސް މެޗުން 11 ޕޮއިންޓް ހޯދާފައިވާ ބޫޓާނެވެ. ބޫޓާން ވެސް މިހާތަނަށް މެޗަކުން ބަލިވެފައެއް ނުވެއެވެ. ތިންވަނައިގައި އޮތް އިންޑިއާ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ނޭޕާލާއި ޕާކިސްތާނަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ސްރީލަންކާ އޮތީ ހަތަރު ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.
ކޮމެންޓު ފޮނުވާ