ދ. މީދޫގައި ތަހުގީގު ކުރަމުންދާ ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ފޯނެއް ހިފަހައްޓަން އުޅުމުން އެކަމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އެ ރަށުގައި ހުށަހެޅިފައިވާ ގެވެށި އަނިޔާގެ މައްސަލައެއްގެ ހެކި ހޯދުމުގެ ތެރެއިންނެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، ޝަރުއީ ކޯޓަކުން ނެރެފައިވާ އަމުރެއް ތަންފީޒުކުރުމުގެ ގޮތުން ތުހުމަތުކުރެވޭ ފަރާތުގެ ފޯނު ހޯދުމަށް މަސައްކަތްކުރުމުން، އެކަމާ ދެކޮޅު ހަދައި ފުލުހުންގެ މަސައްކަތަށް އޭނާ ހުރަސްއަޅާފައިވާ ކަމަށެވެ. އެހެންކަމުން ގާނޫނީ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި އޭނާ ވަނީ ވަގުތުން ހައްޔަރުކޮށްފައެވެ. ނަމަވެސް ހައްޔަރުކުރި މީހާގެ ވަނަވަރު ނުވަތަ އިތުރު ޒާތީ މައުލޫމާތެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
މި މީހާ ހައްޔަރުކުރުމާ ގުޅިގެން އެ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ޕޮލިސް ސްޓޭޝަން ސަރަހައްދަށް އެއްވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން މިހާރު ގެންދަނީ، ފުރަތަމަ ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލައިގެ އިތުރުން، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލަ ވެސް ވަކިވަކިން ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ