ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގައި ހިންގާ ކާބޯތަކެތި ވިއްކާ ތަންތަން ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، ކަމާބެހޭ އިދާރާތައް ގުޅިގެން އުފައްދާފައިވާ ޓާސްކްފޯސްއިން އިއްޔެ ހިންގި މި އޮޕަރޭޝަން އަމާޒުކޮށްފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީަށެވެ. މިގޮތުން އެ ސަރަހައްދުގައި ހިންގަމުންދާ ކެފޭތަކާއި ޓޭކްއަވޭ ޚިދުމަތްދޭ ތަންތަން ވަނީ ކުއްލި ގޮތަކަށް ބަލައި ފާސްކޮށްފައެވެ. މި އިންސްޕެކްޝަންގެ ތެރެއިން، ރާއްޖޭގައި އުޅުމުގެ ސައްހަ ހުއްދަ ނެތް ނުވަތަ ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ ތިން ބިދޭސީއަކު ފާހަގަކުރެވި، އެ ފަރާތްތައް މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގައުމީ ފެންވަރުގައި ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ބޮޑު މައްސަލައެއްކަމުން، މިފަދަ އޮޕަރޭޝަންތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. މި މަސައްކަތުގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓާފައިވާއިރު، މި މައްސަލަތަކާ ގުޅިގެން ޑީޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް، ވީހާވެސް އަވަހަކަށް އެމީހުންގެ ގައުމަށް ފޮނުވާލުމުގެ ކަންކަން ހަލުވިކަމާއެކު ކުރިއަށް ގެންދާކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ