24 ރަށެއްގައި 50 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ

24 ރަށެއްގައި 50 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ

Author
ޙަސަން މުޙައްމަދު
22 ޖެނުއަރީ 2026 10:08
0

ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ މަގުސަދުގައި ކުރިއަށް ގެންދާ "އެރައިޒް" އަދި "އެސްޕަޔާ" މަޝްރޫއުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 24 ރަށެއްގައި ޖުމްލަ 50 މެގަވޮޓަށްވުރެ ގިނަ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ނިޒާމުތައް ޤާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި މި ބިޔަ މަޝްރޫއުގެ މައިގަނޑު އަމާޒަކީ ރާއްޖެއިން ކަރަންޓު އުފެއްދުމަށްޓަކައި ޑީސަލަށް ނުވަތަ ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ގޮތްތައް ޚިޔާރުކުރުމެވެ. މި މަޝްރޫއުތައް ނިމިގެންދާއިރު ރާއްޖޭގެ ހަކަތައިގެ ސިނާއަތަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބެލެވޭއިރު، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަނޑައަޅުއްވާފައިވާ މުހިންމު ލަނޑުދަނޑިއެއް ހާސިލުކުރުމަށް އެޅޭ ބާރެކެވެ. އެގޮތުން، 2028 ވަނަ އަހަރު އަންނައިރު ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ތިންބައިކުޅަ އެއްބަޔަކީ (33 އިންސައްތަ) އިއާދަކުރަނިވި ހަކަތައަށް ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.

މި މަޝްރޫއުތަކުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ، ކަރަންޓު އުފެއްދުމަށް ރާއްޖެއިން ބޭރުން އެތެރެކުރާ ތެލަށް ކުރަންޖެހޭ ބޮޑު ހޭދަ ކުޑަވެގެން ދިއުމެވެ. އިޤްތިޞާދީ ގޮތުން ލިބޭ މި ކުރިއެރުމުގެ އިތުރުން، މިއީ ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށްވެސް ސަރުކާރުން ފާހަގަކުރައްވައެވެ.

ކަނޑައެޅިފައިވާ 24 ރަށުގައި ސޯލާ ޕީވީ ނިޒާމުތަކާއި، އުފައްދާ ހަކަތަ ރައްކާކުރާނެ ނިޒާމުތައް (ބެޓެރި ސްޓޯރޭޖް) ގާއިމުކުރެވުމުން، އެ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި އޭގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ހަކަތަ ފޯރުކޮށްދިނުމަށް މަގުފަހިވެ، ތިމާވެއްޓާ ރައްޓެހި މުޖުތަމައުއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް އިތުރަށް ފުޅާވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.