ރޯދައަށް ޚާއްސަކޮށް ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމަށް ވަގުތީ މާރުކޭޓެއް ހަދަނީ

ރޯދައަށް ޚާއްސަކޮށް ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ވިއްކުމަށް ވަގުތީ މާރުކޭޓެއް ހަދަނީ

Author
ޙަސަން މުޙައްމަދު
21 ޖެނުއަރީ 2026 10:08
0

ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހަކަމާއެކު ހަމަ އަގުގައި ވިއްކޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ކުރިއަށް އޮތް ރޯދަ މަހަށް ޚާއްސަކޮށްގެން މާލޭގައި ވަގުތީ މާރުކޭޓެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެގްރިކަލްޗާ މިނިސްޓްރީން އަތޮޅުތެރޭގެ ކައުންސިލްތަކަށް ފޮނުވި ސާކިއުލާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ އަތޮޅުތެރެއިން މާލެ ގެންނަ ދަނޑުވެރި އުފެއްދުންތައް ވިއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އެހީތެރިކަމާއެކު ގާއިމުކުރާ މި މާރުކޭޓަކީ މާލެ އަންނަ ދަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ތަނެކެވެ. މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި މާރުކޭޓަށް މުދާ ވައްދަން ފެށޭނީ އަންނަ ފެބްރުއަރީ މަހުގެ 15 ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00 އިން ފެށިގެންނެވެ. މިއީ އަތޮޅުތަކުގެ ދަނޑުވެރި ރަށްރަށުގެ އުފެއްދުންތައް ސީދާ މާލޭގައި ވިއްކުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެކެވެ.

މި މާރުކޭޓު ހިންގުމަށް ހަމަޖެހިފައިވަނީ ވަކި ޚާއްސަ އުސޫލުތަކެއްގެ ދަށުންނެވެ. އެގޮތުން މާރުކޭޓުގައި ވިއްކުމަށް ހުއްދަ ދެވޭނީ ހަމައެކަނި ރާއްޖޭގެ ރަށްރަށުގައި ހައްދާފައިވާ ތާޒާ މޭވާއާއި ތަރުކާރީއަށެވެ. ރިހާކުރު، އަސާރަ ފަދަ ތައްޔާރީ ކާބޯތަކެއްޗާއި، ރާއްޖެއިން ބޭރުން އިމްޕޯޓްކޮށްފައިވާ އެއްވެސް ބާވަތެއްގެ ކާބޯތަކެތި ވިއްކުމަކީ މަނާކަމެކެވެ. މީގެ އިތުރުން، މާރުކޭޓުގެ ގޮޅިތަކުގައި ވިޔަފާރިކުރުމަށް ބިދޭސީން ބޭތިއްބުމަކީވެސް މިނިސްޓްރީން މަނާކޮށްފައިވާ ކަމެކެވެ.

މި ފުރުސަތުގެ ބޭނުން ހިފުމަށް ޝައުގުވެރިވާ ރަށްރަށުގެ ކައުންސިލްތަކުން، އެ ރަށެއްގެ ދަނޑުވެރިންނާ ގުޅިގެން މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް އެގްރިކަލްޗާ މިނިސްޓްރީން ވަނީ އެދިފައެވެ. ފޯމު ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.