ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4,000 ފްލެޓަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ސްޓެލްކޯއިން މުޅިން ނިންމާލައިފިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި، އެ ކުންފުނިން މިހާރު ވަނީ އެ ޓަވަރުތަކުގެ މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ގުޅައި ޓެސްޓުކުރުމުގެ މަރުހަލާތައް ފުރިހަމަކޮށްފައެވެ. އަދި މައި ޕެނަލްތަކުން ފެށިގެން ވަކިވަކި އެޕާޓްމަންޓްތަކާ ހަމައަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ފުރިހަމަކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ވެސް މިހާރު ވަނީ ނިމިފައެވެ.
މި ފްލެޓް މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ފަށާފައިވާ މަޝްރޫއެކެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ ދެ ކުންފުނި ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ. ޖުމްލަ 32 ޓަވަރު ހިމެނޭ މި މަޝްރޫއުގައި، ކޮންމެ ކުންފުންޏަކުން ވެސް 16 ޓަވަރުގެ މަސައްކަތް ކޮށްފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވާ ފްލެޓްތަކުގެ ތަފްސީލަށް ބަލާއިރު، މީގެ ތެރޭގައި ހިމެނެނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1,200 އެޕާޓްމަންޓާއި، 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2,800 އެޕާޓްމަންޓެވެ. ކަރަންޓުގެ މަސައްކަތް ނިމުމާއެކު، މި ފްލެޓްތަކުގައި ދިރިއުޅެން ފެށުމަށް ވާންޖެހޭ އެންމެ މުހިންމު އެއް ތައްޔާރީ ވަނީ ފުރިހަމަވެފައެވެ.
ކޮމެންޓު ފޮނުވާ