ބ. އޭދަފުށީގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބި، ހާލު ސީރިއަސްވެގެން އަވަސް ފަރުވާ ދޭން ފަށައިފިއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އެ ރަށު ސީސަންގެ، އުމުރުން 82 އަހަރުގެ އަބޫބަކުރު އަބްދުالله އަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިރޭގެ މަޣްރިބު ނަމާދުން ފައިބައިގެން އަބޫބަކުރު ގެއަށް ދަނިކޮށެވެ. މަގުމަތިން ދުއްވާފައި ދިޔަ ޕިކަޕަކުން އޭނާގެ ގައިގާ ޖެހި އެކްސިޑެންޓް ހިނގަން މެދުވެރިވީ، ޕިކަޕު ދުއްވަން އިން ޑްރައިވަރު ބަލަންޖެހޭ ވަރަށް ނުބަލައި ފަރުވާކުޑަކޮށް ދުއްވުމުގެ ސަބަބުން ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ފާހަގަކުރި ގޮތުގައި، ޕިކަޕު ދުއްވަން އިން މީހާއަކީ މީގެ ކުރިންވެސް ޓްރެފިކް ގަވާއިދުތަކާ ހިލާފަށް އުޅަނދު ދުއްވުމުގެ ސަބަބުން ލައިސަންސް ހިފަހައްޓާފައިވާ މީހެކެވެ.
އެކްސިޑެންޓުގެ ސަބަބުން އަބޫބަކުރުގެ ހާލު ސީރިއަސް ކަމަށް ޚަބަރު ލިބެއެވެ. އަދި އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާ ދިނުމަށްޓަކައި، މިވަގުތު އޮތީ އޮޕަރޭޝަން ތިއޭޓަރަށް ވައްދާފައެވެ. ފުލުހުން ދަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ