މިލާނުގެ ފަހުރުވެރި ކެޕްޓަން، ބަރޭސީ ނިޔާވެއްޖެ

މިލާނުގެ ފަހުރުވެރި ކެޕްޓަން، ބަރޭސީ ނިޔާވެއްޖެ

Author
ހުސެއިން
31 ޖުލައި 2026 06:09
0

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު، އިޓަލީ އާއި އޭސީ މިލާނުގެ ކުރީގެ ކެޕްޓަން ފްރޭންކޯ ބަރޭސީ، ކެންސަރު ބައްޔާ ދެކޮޅަށް ގިނަ ދުވަސްތަކެއް ވަންދެން ކުރި ހަނގުރާމައަށްފަހު، 66 އަހަރުގައި މިއަދު ދުނިޔެ ދޫކޮށްފި އެވެ.

ބަރޭސީ މަރުވީ ސިއްހީ ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ތާ ދުވަސްތަކެއް ފަހުންނެވެ. މިދިޔަ އަހަރު ފުއްޕާމޭގައި އުފެދުނު ޓިއުމަރެއް ނެގުމަށް އޮޕަރޭޝަނެއް ކުރި ފަހުން، ކެންސަރު ސްޕެޝަލިސްޓެއްގެ ބެލުމުގެ ދަށުން އޭނާ ދިޔައީ ފަރުވާ ހޯދަމުންނެވެ.

މުޅި ކެރިއަރު މިލާނަށް ހުސްކޮށްލި ބަރޭސީ، ފުޓްބޯޅައިގެ ދުނިޔޭގައި ފާހަގަކުރެވުނު އެންމެ ބޮޑު އެއް ސިފައަކީ އޭނާގެ ވަފާތެރިކަމެވެ. 1977 އިން 1997 އަށް އެ ކްލަބަށް 700 އަށް ވުރެ ގިނަ މެޗު ކުޅެދިން އިރު، 15 އަހަރު ވަންދެން ކެޕްޓަން ބޭންޑް އަޅައިގެން މައިދާނަށް ނިކުތެވެ. މިލާން ދެ ފަހަރެއްގެ މަތިން ރެލިގޭޓް ވުމުންވެސް ކްލަބު ދޫކޮށެއް ނުދިޔައެވެ.

ސިލްވިއޯ ބާލުސްކޯނީގެ ޒަމާނުގައި މިލާނުން ޔޫރަޕުގެ ފުޓްބޯޅައިގައި ރަސްކަން ކުރި އިރު، އެ ޓީމުގެ އިންޖީނަކީ ބަރޭސީ އެވެ. އޭނާ ވަނީ މިލާނާއެކު އިޓާލިއަން ލީގު ހަ ފަހަރު، ޗެމްޕިއަންސް ލީގު ތިން ފަހަރު އަދި ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އޭނާގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، މިލާނުން ބޭނުންކުރި 6 ނަންބަރު ޖާޒީ 1997 ގައި ރިޓަޔާ ކުރި އެވެ. އިޓަލީގައި ކުޅުންތެރިޔަކަށް އެފަދަ ޝަރަފެއް ދިން ފުރަތަމަ ފަހަރަކީ އެއީ އެވެ.

ބަރޭސީގެ ކެޕްޓަންކަމުގެ ދަށުން ކުޅެ، ފަހުން މިލާނުގެ ކެޕްޓަން ބޭންޑް އެޅި ޕައޮލޯ މަލްޑިނީ ބުނީ "ކެޕްޓަނާ ނުލައި އަހަރެމެން އުޅޭނީ ކިހިނެއްކަން ނޭނގޭ" ކަމަށެވެ. "އަހަރެން ކުޑަކުއްޖެއްގެ ގޮތުގައި ހުރި އިރު އޭނާ އަހަރެން ރައްކާތެރިކޮށްދިން. ޒުވާނެއްގެ ގޮތުގައި ހުރި އިރު މަގުދައްކައިދިން. ބޮޑުމީހެއްގެ ގޮތުގައި ހުރި އިރު ނަމޫނާއަކަށްވި. ބަރޭސީއަކީ އަހަންނަށް އެކުގައި ކުޅެލުމުގެ ޝަރަފު ލިބުނު އެންމެ ކުޅަދާނަ ކުޅުންތެރިޔާ،" މަލްޑިނީ ލިޔެފައިވެ އެވެ.

ބަރޭސީގެ ފުޓްބޯޅަ ދަތުރު ފެށީ ހިތްދަތި ގޮތަކަށެވެ. އޭނާގެ ބޭބެ އަދި އިންޓަ މިލާނުގެ ލެޖެންޑް ޖިސެއްޕޭ ބަރޭސީއާއެކު އިންޓަގެ ޔޫތު ޓީމުގެ ޓްރަޔަލްއަކަށް ދިއުމުން، އިސްކޮޅުން ކުޑަކަމަށް ބުނެ އެ ކްލަބުން ފުރުސަތު ނުދިނެވެ. ނަމަވެސް ފަހުން ބަރޭސީ ސާބިތުކޮށްދިނީ، މޮޅު ޑިފެންޑަރަކަށް ވުމަށް އިސްކޮޅާއި ޖިސްމާނީ ވަރުގަދަކަން ލާޒިމް ނޫން ކަމެވެ. އޭނާއަކީ ވިސްނުންތެރިކަމާއެކު ގޭމް ރީޑްކޮށް، ކުޅުންތެރިންގެ ހަރަކާތްތައް ދެނެގަނެ، މުހިންމު ވަގުތުތަކުގައި ބޯޅަ ހޯދުމުގައި މާހިރެކެވެ. އިދިކޮޅު ޓީމު އޮފްސައިޑް މަޅީގައި ޖެއްސުމަކީ އޭނާގެ ހާއްސަ ފަންނެކެވެ.

ގައުމީ ޓީމަށް ބަރޭސީ ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި ފާހަގަކުރެވުނީ 1982 ގައި އިޓަލީން ވޯލްޑް ކަޕް ކާމިޔާބުކުރި ސްކޮޑުގައި ހިމެނިގެންނެވެ. އެއަށްފަހު 1990 ގައި އިޓަލީން ތިން ވަނަ ހޯދި އިރާއި، 1994 ގައި ދެ ވަނަ ހޯދި އިރު އޭނާ ކުޅުނީ މުހިންމު ދައުރެކެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ 1994 ގެ ވޯލްޑް ކަޕުގައި ދެއްކި ހިތްވަރެވެ. ދެވަނަ މެޗުގައި ކަކުލުގެ މެނިސްކަސް އިރައިގެން ދިޔުމުން، އޮޕަރޭޝަނެއް ކުރުމަށްފަހު އެނބުރި އައިސް ފައިނަލްގައި ބްރެޒިލްގެ އެޓޭކްތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކުރި އެވެ. ނަމަވެސް ޕެނަލްޓީ ޝޫޓްއައުޓްގައި އޭނާއާއި ރޮބާޓޯ ބާޖިއޯ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވެ، ތަށި އުފުލާލީ ބްރެޒިލް އެވެ.

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހުވެސް، ބަރޭސީގެ ދިރިއުޅުން ބިނާވެފައި އޮތީ މިލާނުގެ ދަނޑުގަ އެވެ. 2002 އިން 2008 އަށް މިލާނުގެ ޔޫތު ޓީމަށް ކޯޗުކޮށްދިނުމަށްފަހު، އެންމެ ފަހަކަށް ހުރީ ކްލަބުގެ އޮނަރަރީ ނައިބު ރައީސްގެ މަގާމުގަ އެވެ. މިލާން ފައުންޑޭޝަންގެ ޕްރޮޖެކްޓްތަކާއި ކްލަބުގެ ސަފީރެއްގެ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރި އެވެ. މެދު ތެރެއިން އިންގްލެންޑުގެ ފުލަމްގެ ޓެކްނިކަލް ޑިރެކްޓަރަކަށް މަހެއްހާ ދުވަހު މަސައްކަތްކުރި ނަމަވެސް، "މިލާން ނޫން ތަނެއްގައި މަސައްކަތެއް ނުކުރެވޭނެ" ކަމަށް ބުނެ ސީޒަން ރަނގަޅަށް ނުފެށެނީސް އެނބުރި އައީ ސެން ސީރޯ އަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.