ރަތްކަނޑުގެ ސަލާމަތަށް 43 ޤައުމު ގުޅިގެން އަސްކަރީ އިއްތިޙާދެއް އިއުލާން ކޮށްފި

ރަތްކަނޑުގެ ސަލާމަތަށް 43 ޤައުމު ގުޅިގެން އަސްކަރީ އިއްތިޙާދެއް އިއުލާން ކޮށްފި

Author
ހުސެއިން
31 ޖުލައި 2026 06:11
0

ޙޫޘީންގެ ހަމަލާތަކުން ރަތްކަނޑުގެ ދަތުރުފަތުރު ރައްކާތެރިކުރުމަށް 43 ޤައުމެއް ބައިވެރިވާ އަސްކަރީ އިއްތިޙާދެއް، ސަޢުދީ ޢަރަބިއްޔާއިން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.

ސަޢުދީ ދިފާޢީ ވުޒާރާއިން ބުނިގޮތުގައި، މި އިއްތިޙާދު އިޢުލާނުކުރުމުގެ ބައްދަލުވުމުގައި ވިލާތުގެ އިއްތިޙާދު (އީޔޫ) ވެސް ބައިވެރިވިއިރު، އިއްތިޙާދުގެ މައި މަރުކަޒު ޤާއިމުކުރާނީ ސަޢުދީގައެވެ. ޚާއްޞަކޮށް ބާބުލް މަންދަބާއި ޢާދަން ކަނޑުއޮޅި ފަދަ ބައިނަލްއަޤުވާމީ ވިޔަފާރީގެ މައި މަގުތަކުގައި، އުޅަނދުފަހަރަށް ހުރަހެއްނެތި ދަތުރުކުރެވޭނެ މާޙައުލެއް ޤާއިމުކުރުމަކީ މި މަސައްކަތުގެ އެންމެ ބޮޑު އަމާޒެވެ.

ތުރުކީވިލާތް، ޕާކިސްތާން، މިޞްރު، ސޫދާން އަދި ޖިބޫތީ ހިމެނޭގޮތުން 14 ޤައުމަކުން ވަނީ މި މަސައްކަތަށް ތާއީދުކޮށް ގުޅިފައިވާ ބަޔާނެއް ނެރެފައެވެ. އެހެންނަމަވެސް، ގަލްފުގެ ޤައުމުތަކުގެ އިއްތިޙާދު (ޖީސީސީ) ގައި ހިމެނޭ އުމާނާއި އެކުވެރި ޢަރަބި ޢިމާރާތުން އަދި މި ބަޔާނުގައި ސޮއިކޮށްފައެއް ނުވެއެވެ.

ސަޢުދީން މި މަސައްކަތް އަވަސްކުރީ، މިދިޔަ ޖުލައި މަހުގެ 20 ވަނަ ދުވަހު ސަޢުދީއާ ގުޅުންހުރި އުޅަނދުފަހަރަށް ޙޫޘީން ހަމަލާދިނުމަށްފަހުއެވެ. މި ހަމަލާތަކުގެ ރައްދުގައި ސަޢުދީ އަސްކަރިއްޔާއިން ވަނީ ޔަމަނުގެ ޙުދައިދާގައި ހުރި ޙޫޘީންގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައެވެ.

ރަތްކަނޑުގައި އުފެދިފައިވާ މި ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާއިރު، ތަޖުރިބާކާރުން ދެކޭގޮތުގައި މިއީ ސަރަޙައްދީ ހަމަޖެހުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ނަސްލު ދޮވެލުމުގެ ޖަރީމާތަކާ ދެކޮޅަށް، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ޙޫޘީން ދެމުންދާ މި ހަމަލާތަކާ ގުޅިގެން، 2024 ވަނަ އަހަރުން ފެށިގެން ވިލާތުގެ އިއްތިޙާދުން ވެސް ދަނީ ރަތްކަނޑުގައި އަސްކަރީ ޙަރަކާތްތައް އިތުރުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.