ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ނެޓްވޯކް ކަމަށްވާ ފަވަރައާއި، އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް (ޔޫޕީއައި) ބުރާސްފަތި ދުވަހު ރަސްމީކޮށް ގުޅާލައި، ދެ ޤައުމު ދެމެދު ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެ ސީދާ ނިޒާމެއް ޤާއިމުކޮށްފިއެވެ.
މި ގުޅުމަކީ ފަވަރަ ޕްލެޓްފޯމް ބައިނަލްއަޤުވާމީ ޕޭމަންޓް ނިޒާމަކާ ގުޅާލެވުނު ފުރަތަމަ ފަހަރެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ، މިއީ ދެ ޤައުމު ދެމެދު ޑިޖިޓަލް މާލީ މުޢާމަލާތްތައް ކުރިއެރުވުމުގައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.
ޔޫޕީއައި އަކީ ދުނިޔޭގައި މިވަގުތު ހިނގަމުންދާ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ޑިޖިޓަލް ޓްރާންސެކްޝަން ނެޓްވޯކުތަކުގެ ތެރެއިން އެއް ނެޓްވޯކެވެ.
އަލަށް ތަޢާރަފުކުރި މި ޚިދުމަތުގެ ދަށުން، ރާއްޖޭގައި ތިބޭ ފަރާތްތަކަށް އިންޑިއާގެ ބޭންކް އެކައުންޓްތަކަށް ސީދާ ވަގުތުން ފައިސާ ފޮނުވޭނެއެވެ. ފޮނުވާ ފަރާތްތަކުން ދިވެހި ރުފިޔާ (އެމްވީއާރް) ނުވަތަ ޔޫއެސް ޑޮލަރު (ޔޫއެސްޑީ) އިން ފޮނުވާއިރު، އިންޑިއާގައި ބަލައިގަންނަ ފަރާތްތަކަށް ލިބޭނީ އިންޑިއަން ރުޕީސް (އައިއެންއާރް) އިންނެވެ.
ފުރަތަމަ މަރުޙަލާގައި މި ޚިދުމަތް ދެވޭނީ ފަރުދުންގެ މެދުގައި (ޕީ2ޕީ) ކުރެވޭ ޓްރާންސްފަރތަކަށެވެ. ނަމަވެސް، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ފަރުދުންގެ ފަރާތުން ވިޔަފާރިތަކަށް (ޕީ2އެމް) ފައިސާ ފޮނުވޭ ނިޒާމު ތަޢާރަފުކުރުމަށް އެމްއެމްއޭއިން ވަނީ ރާވާފައެވެ.
މިވަގުތު މި ޚިދުމަތް ބޭނުންކުރެވޭނީ ހަމައެކަނި ރާއްޖެއިން އިންޑިއާއަށް ފައިސާ ފޮނުވުމަށެވެ. އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވުމުގެ ޚިދުމަތް އަދި ލިބޭކަށް ނެތެވެ.
ފައިސާ ފޮނުވޭނީ ކަނޑައެޅިފައިވާ ވަކި ބޭނުންތަކަކަށް އެކަންޏެވެ. އޭގެ ތެރޭގައި ޢާއިލީ ޚަރަދު، ބޭސްފަރުވާ، އަދި ތަޢުލީމީ ޚަރަދުތައް ހިމެނެއެވެ. މަހަކު ފޮނުވޭ އެންމެ މަތީ މިންވަރަކީ 24,000 އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 250 ޔޫއެސް ޑޮލަރު) އެވެ. ނަމަވެސް، މީގެ ދަށުން ބޭންކުތަކުން އަމިއްލައަށް ދަށު ލިމިޓެއް ކަނޑައެޅުމުގެ އިޚްތިޔާރު އޮވެއެވެ.
ފުރަތަމަ މަރުޙަލާގައި މި ޚިދުމަތުގައި ބައިވެރިވާ ބޭންކުތަކަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ. އެމްއެމްއޭއިން ނެރުނު ބަޔާނުގައި ބުނިގޮތުގައި، މި ދެ ބޭންކުގެ އެކައުންޓް ހޯލްޑަރުންނަށް ބޭންކުގެ ޑިޖިޓަލް ޕްލެޓްފޯމު މެދުވެރިކޮށް ފަވަރަ ބޭނުންކޮށްގެން ޔޫޕީއައި އެކައުންޓްތަކަށް ސީދާ ފައިސާ ފޮނުވޭނެއެވެ.
ޓްރާންސެކްޝަންތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ފައިސާ ބަލައިގަންނަ ފަރާތުގެ ބޭންކް މަޢުލޫމާތު ޔޫޕީއައި ނިޒާމުން ވެރިފައި ކުރެއެވެ. އަދި، ފައިސާ ފޮނުވާ ފަރާތަށް އެ ވަގުތަށް ބޭނުންވާ އެކްސްޗޭންޖް ރޭޓް، ބޭންކުން ނަގާ ފީ، އަދި ފައިސާ ބަލައިގަންނަ ފަރާތުގެ ނަން ކަށަވަރު ކުރެވިފައި ފެންނާނެއެވެ.
މި މަޝްރޫޢަކީ އެމްއެމްއޭއާއި، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި)، އެންޕީސީއައި އިންޓަރނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް)، އަދި ދެ ޤައުމުގެ އެކި މާލީ އިދާރާތައް ގުޅިގެން ހިންގާ މަޝްރޫޢެކެވެ. މި ނިޒާމުގެ ބޭނުމަކީ ދެ ޤައުމު ދެމެދު ފައިސާގެ މުޢާމަލާތްތައް ފަސޭހަކޮށް، ފަރުދުންނަށާއި ޢާއިލާތަކަށް ފަސޭހަ އަދި ހަލުވި ރެމިޓަންސް ޗެނެލެއް ފޯރުކޮށްދިނުމެވެ.
ކުރިއަށް އޮތްތާ، މި ޕާޓްނަރޝިޕުގެ ދަށުން އިތުރު ޚިދުމަތްތައް ތަޢާރަފުކުރުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި، ކިޔުއާރް ކޯޑް މެދުވެރިކޮށް ވިޔަފާރިތަކަށް ފައިސާ ދެއްކުމާއި، އަދި ޒަމާނީ އެހެނިހެން ޑިޖިޓަލް ޚިދުމަތްތައް ހިމެނެއެވެ. މި އައު ޚިދުމަތްތަކުގެ ސަބަބުން ރާއްޖެއާއި އިންޑިއާ ދެމެދު މާލީ އަދި އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ