ކ. ގާފަރު ކައިރީގައި މިއަދު ހެނދުނު ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި، އޭގައި ދަތުރުކުރި ދެ ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނިގޮތުގައި، ތިލަފުށިން ފުރައިގެން ދަތުރުކުރި މި ކޮޅުވެއްޓި ދިޔަވެ އަޑިއަށް ދާން ފެށިކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 9:00 ހާއިރުއެވެ. ހާދިސާ ހިނގި ވަގުތު އުޅަނދުގައި ޖުމްލަ 10 މީހަކު ތިއްބެވެ. އެއީ 8 ބިދޭސީންނާއި 2 ދިވެހިންނެވެ. މީގެ ތެރެއިން 8 މީހަކު މިހާތަނަށް ފެނިފައިވާއިރު، އަދިވެސް ގެއްލިގެން ހޯދަމުންދަނީ ދެ ބިދޭސީއެކެވެ. ސަލާމަތީ ބާރުތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
ހަމަ މިއަދު، ކަނޑުމަތީގެ އެހެން ހާދިސާއެއްވެސް ވަނީ ހިނގާފައެވެ. އެގޮތުން ކ. މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަހާލައިގެން ގޮސް، އެ ރަށު ފަރުމައްޗަށް ލައްވެ، އުޅަނދު ވަނީ އެއްކޮށް ފުނޑުފުނޑުވެފައެވެ.
މި ދެ ހާދިސާވެސް ހިނގާފައި މިވަނީ މުޅި ރާއްޖެއަށް މޫސުން ގޯސްވެފައި ވަނިކޮށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ގަޑިއަކު 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ޔެލޯ އެލާޓް ނެރެފައެވެ. މި އެލާޓް މިހާރު ވަނީ މިއަދު މެންދުރުފަހު 3:30 އާ ހަމައަށް ދަންމާލާފައެވެ. މީގެ އިތުރުން، ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ