ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އދ. ގެ ކޮމިޓީއަށް ހުށަހަޅައިފި

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އދ. ގެ ކޮމިޓީއަށް ހުށަހަޅައިފި

Author
ޙަސަން މުޙައްމަދު
15 ޖެނުއަރީ 2026 10:31
0

ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާ (ސީ.އާރް.ސީ) ގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ދައުރީ ރިޕޯޓުތަކާ ގުޅޭގޮތުން އދ. ގެ ކުޑަކުދިންގެ ހައްގުތަކާބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ މުރާޖައާގެ ބައްދަލުވުންތައް ސްވިޒަލޭންޑްގެ ޖެނީވާގައި ނިންމާލައިފިއެވެ. މި ހިނގާ ޖެނުއަރީ މަހުގެ 12 އަދި 13 ވަނަ ދުވަހު ކުރިއަށްދިޔަ މި ބައްދަލުވުންތަކުގައި ރާއްޖެއިން ހުށަހަޅާފައިވާ 6 ވަނަ އަދި 7 ވަނަ ދައުރީ ރިޕޯޓަށް ރިއާޔަތްކޮށް، ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކުން ވަނީ އެ ކޮމިޓީއާ ހިއްސާކޮށްފައެވެ.

މި މުރާޖައާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ 2016 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ރާއްޖޭގެ ގާނޫނީ އޮނިގަނޑަށާއި ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކަށެވެ. އަދި 2021 ވަނަ އަހަރު ރާއްޖެއިން ހުށަހެޅި ރިޕޯޓުގައިވާ ކަންކަމާ ގުޅޭގޮތުން ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ދިވެހި ވަފުދުން ޖަވާބުދާރީވެ، ކުޑަކުދިންގެ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް އަޅާފައިވާ އަމަލީ ފިޔަވަޅުތަކުގެ މައުލޫމާތު ވަނީ ދެއްވާފައެވެ. ރާއްޖެއިން މި މުއާހަދާގައި ބައިވެރިވެފައިވަނީ 1991 ވަނަ އަހަރު ކަމަށްވާއިރު، މި ބައްދަލުވުމަކީ މުއާހަދާ ތަންފީޒުކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތައް ވަޒަންކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

ދިވެހި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި ބަންޑާރަ ނައިބު އަލްއުސްތާޒު އަހުމަދު އުޝާމް، މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކުޑަކުދިންގެ ހައްގުތަކާބެހޭ މުއާހަދާއަކީ ރާއްޖޭގެ ގާނޫނުތަކާއި ތަރައްގީގެ ސިޔާސަތުތައް ބައްޓަންކުރުމުގައި މައިގަނޑު އަސާސް ކަމަށެވެ. އަދި ކޮންމެ ކުއްޖަކީވެސް ކަރާމާތާއި ރައްކާތެރިކަމާއެކު ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރުމަށާއި، ކުޑަކުދިންގެ ހިޔާލަށް އިހުތިރާމްކުރާ މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. މީގެ އިތުރުން، ކުޑަކުދިން ބާރުވެރިކުރުވައި، އެކުދިންނަށް އިހުތިރާމް ލިބިގެންވާ މުޖުތަމައުއެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް ބަންޑާރަ ނައިބު އަލިއަޅުވާލެއްވިއެވެ.

މި މުހިންމު ބައްދަލުވުމުގައި ބަންޑާރަ ނައިބުގެ އިތުރުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އާއި، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި، ތައުލީމީ ވުޒާރާ އަދި ޚާރިޖީ ވުޒާރާގެ އިސްވެރިން ހިމެނޭހެން ސަރުކާރުގެ ކަމާގުޅޭ މުހިންމު އިދާރާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މުރާޖައާ ނިންމާލުމަށްފަހު، ކުރިއަށް އޮތް ތަނުގައި އދ. ގެ ކޮމިޓީން ރާއްޖެއަށް ލަފާދޭ ކަންތައްތައް ނުވަތަ "ކޮންކްލޫޑިންގ އޮބްޒަވޭޝަންސް" ނެރުމަށް ވަނީ ހަމަޖެހިފައެވެ. މި ނިންމުންތަކަކީ ކުރިމަގުގައި ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ކުރިއެރުވުމަށް އެޅިގެންދާނެ ފިޔަވަޅުތަކަށް މަގުދައްކައިދޭނެ މުހިންމު ނިންމުންތަކެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.