މިއަހަރުގެ މާޗް މަހު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނިޓީ ފުޓްސަލް ޗެލެންޖުގެ ދެވަނަ އެޑިޝަންގެ ޓައިޓްލް ސްޕޮންސަރަކަށް ސީޝާ ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފިއެވެ. މިއީ މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރުކަން އެ ކުންފުނިން ނެގި ދެވަނަ ފަހަރެވެ.
ޝީޝާގެ މައި އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހީމް ހުޝާމް އާއި ޔުނިޓީ ފައުންޑޭޝަންގެ ޗެއަރޕާސަން ޑރ. އަޙްމަދު ޢަދީލްއެވެ. ހޮންޑާ ސައިކަލުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު، ޝީޝާއިން ވަނީ މިދިޔަ އަހަރުގެ މުބާރާތް އިންތިޒާމު ކުރެވިފައިވާ ގޮތާމެދު ހިތްހަމަޖެހޭކަން ފާޅުކޮށް، މިއަހަރުގެ މުބާރާތް އިތުރަށް ފޯރިގަދަވާނެކަމަށް އުއްމީދުކުރާކަމަށް ބުނެފައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ފުޓްބޯލް މޯލްޑިވްސް ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ކޮމެންޓު ފޮނުވާ