ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، އައްޑޫ ސިޓީ ފޭދޫގެ 9 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން ބުނިގޮތުގައި، ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އިރު، ކައްކައިގެން ކެވޭނެ ގޮތް ނެތް ތިން ގެއެއްގެ މީހުންނަށް ކުރިއަށް އޮތް ތިން ދުވަހަށް ކެއިންބުއިމުގެ ކަންކަން ވަނީ ހަމަޖައްސައިދީފައެވެ. އަދި ފެނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގޭގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާ އެކު ކާބޯތަކެތި ވެސް ފޯރުކޮށްދީފައިވެއެވެ.
މީގެ އިތުރުން، ޏ. ފުވައްމުލަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ނަރުދަމާގެ މައްސަލަތައް ކުރިމަތިވެ، ގޭގޭގެ ފާހާނާ ހޮޅިތައް ބެދުމުގެ ޝަކުވާތައް ލިބެމުންދާ ކަމަށާއި، މި ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ރަށު ކައުންސިލާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ފާހަގަކުރިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި މި ވިއްސާރަ ބުދަ ދުވަހުގެ ނިޔަލަށް ދެމިގެންދާނެ ކަމަށާއި، ބުރާސްފަތި ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށް ބެލެވެއެވެ. ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ