ދޫނިދު އާއި މާލެއާ ދެމެދު އަޅާފައި އޮތް ބޮޑު ދެ ބޯޓު ނަގިލި ކަނޑައިގެން އޮޔާދިޔަ ހާދިސާގައި ދައުލަތުގެ އިދާރާތަކުގެ އިހުމާލު އޮތްތޯ ބެލުމަށް ޕަބްލިކް އިންކުއަރީއެއް ހިންގަން މާލޭ ސިޓީ ކައުންސިލުން މިއަދު ގޮވާލައިފި އެވެ.
ބާރުގަދަ ކޮޅިގަނޑެއްގައި ނަގިލި ކަނޑައިގެންދިޔަ އެ ދެ ބޯޓު އެންމެ ފުރަތަމަ ޖެހުނީ ކާނިވާ ސަރަހައްދު ބޭރުން މާލޭގެ ފަރަށެވެ. އެއަށްފަހު އޮޔާ ގޮސް ސިނަމާލެ ބްރިޖުގެ ސުޕަސްޓްރަކްޗާގައި، ބޯޓުގެ އެންޓަނާ އާއި ނެވިގޭޝަން ލައިޓް ޖެހި، މާލޭގެ ދެކުނު ފަރާތުން ބޭރުވެ ފަހުން ވަނީ ފެތިފަ އެވެ. މި ހާދިސާގައި މާލޭގެ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ، އެ ދެ ބޯޓަކީ ރާއްޖޭގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓު ކަމެވެ. ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ދައުލަތުގެ މުއައްސަސާތަކުން ގާނޫނީ ޒިންމާ އަދާނުކުރެވުމުގެ ނަތީޖާއެއް ކަމަށާއި، މާލޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާ މެދު ސުވާލު އުފެދޭ ކަމަށެވެ.
އެ ބޯޓުތައް ރާއްޖެ އައި ގޮތާއި ފަރަށް އަރައި ބްރިޖުގައި ޖެހުނު ސަބަބު ތަހުގީގު ކުރުމުގެ އިތުރުން، ފަރަށް ލިބުނު ގެއްލުން އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) މެދުވެރިކޮށް ބަލައި ބަދަލު ހޯދުމަށާއި، ބްރިޖަށް ލިބުނު ގެއްލުން ދެނެގަތުމަށް އިންޖިނިއަރުންގެ އޮޑިޓެއް ހެދުމަށް ވެސް ކައުންސިލުން ގޮވާލި އެވެ.
ބްރިޖު ބަލަހައްޓާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އިން ކުރި ބެލުންތަކަށްފަހު، ސްޓްރަކްޗަރަލް ގެއްލުމެއް ނެތް ނަމަވެސް ކޫރުންތަކެއް ފެންނަން ހުރި ކަމަށް ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓު ފޮނުވާ