ހުޅުމާލޭގައި ހިންގަމުން އަންނަ މަޝްހޫރު "ދިއްދޫ ހޮޓާ" ހިންގާ އިމާރާތް، 15 ދުވަހުގެ ތެރޭގައި ހުސްކުރުމަށް ސިވިލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ. މި އަމުރު ނެރުނީ، އެތަން ކުއްޔަށް ދިނުމުގެ އެއްބަސްވުން 2023 ވަނަ އަހަރު ހަމަވެފައިވާއިރުވެސް، ތަން ހުސްނުކޮށް އަދި ފަހުން ކުލިވެސް ނުދައްކާކަމަށް ބުނެ އިމާރާތުގެ ވެރިފަރާތުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ހޮޓާ ހިންގާ ފަރާތުން ކޯޓުގައި ބުނެފައިވަނީ އިމާރާތުގެ ވެރިފަރާތުގެ ފިރިމީހާއާއެކު ވެވުނު އަނގަބަހުގެ އެއްބަސްވުމެއްގެ ދަށުން މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އަދި ތަން ހުސްކުރާނަމަ މަރާމާތަށް ހޭދަވި 2 މިލިއަން ރުފިޔާ ނަގައިދިނުމަށްވެސް އެދުނެވެ. ނަމަވެސް، ޝަރީއަތުން ނިންމީ އިމާރާތުގެ މިލްކުވެރިކަން ފިރިމީހާއަށް އޮންނަ ކަމަކަށް ނުވާތީ، އެއްބަސްވުމެއް ހެދުމުގެ ހައިސިއްޔަތު އޭނާއަށް ލިބިގެން ނުވާކަމަށެވެ. އެހެންކަމުން އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ، 15 ދުވަސް ތެރޭގައި ތަން ހުސްކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ކޮމެންޓު ފޮނުވާ