ދައުލަތުގެ މުވައްޒަފުންނަށް 75 އަހަރާ ހަމައަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިދޭ ބިލް ފާސްކޮށްފި

ދައުލަތުގެ މުވައްޒަފުންނަށް 75 އަހަރާ ހަމައަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިދޭ ބިލް ފާސްކޮށްފި

Author
ހުސެއިން
05 ޖެނުއަރީ 2026 02:44
0

ދައުލަތުގެ ވަޒީފާގައި މަސައްކަތްކުރާ މީހުންނަށް އުމުރުން 75 އަހަރުވަންދެން ވަޒީފާގައި ދެމިތިބުމުގެ ފުރުޞަތު ހުޅުވާލައިދޭ ރީ-އެމްޕްލޯއިމަންޓްގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު 46 މެންބަރުންގެ ވޯޓުން ފާސްކޮށްފިއެވެ. ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލު ފާސްކުރީ ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓާއެކުއެވެ.

މި ޤާނޫނުގެ ދަށުން ރީ-އެމްޕްލޯއިމަންޓްގެ ފުރުޞަތު ލިބޭނީ 65 އަހަރާއި 75 އަހަރާ ދެމެދުގެ ސަރުކާރުގެ މުވައްޒަފުންނަށެވެ. އަދި ޤާނޫނަށް އަމަލުކުރަން ފަށާތާ 7 އަހަރު ކުރިން ފެންޝަން ޙައްގުވެ ވަކިވެފައިވާ މުވައްޒަފުންނަށްވެސް އަލުން ވަޒީފާ ލިބިދެވޭނެއެވެ. ވަޒީފާގައި ދެމިތިބުމަށް ބޭނުންވާ މުވައްޒަފުން 65 އަހަރު ފުރުމުގެ ހަމަ މަސް ދުވަސް ކުރިން އެދެންޖެހޭއިރު، ވަކިވެފައިވާ މުވައްޒަފުން ޤާނޫނަށް އަމަލުކުރަން ފެށުމަށްފަހު 4 މަސް ދުވަހުގެ ތެރޭގައި އެދެންޖެހެއެވެ.

ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ އަހަރުން އަހަރަށް އައު ކުރަންޖެހޭ އެއްބަސްވުމެއްގެ ދަށުންނެވެ. މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއެއްގޮތަށެވެ. ނަމަވެސް މި އުސޫލުން ވަޒީފާ ދޭ ފަރާތްތަކަށް 65 އަހަރުވުމުން އަސާސީ ޕެންޝަނެއް ނުލިބޭނަމަވެސް ޕެންޝަނާބެހޭ ޤާނޫނުން ލިބިދޭންޖެހޭ އެހެނިހެން ފައިދާތައް ލިބޭނެއެވެ. ސިފައިންނާއި ފުލުހުން، ފަނޑިޔާރުން އަދި ޤާނޫނުއަސާސީއާއި ޤާނޫނެއްގެ ދަށުން އައްޔަންކުރެވޭ މަޤާމުތަކަށް މި ޤާނޫނު ނުހިނގާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.