ކޭޕާކް ޖަރީމާ: މަންޑޭގެ ޕާޓްނަރު ޖައިޝާން ސައީދަށް 159 އަހަރުގެ ޖަލު ހުކުމެއް

ކޭޕާކް ޖަރީމާ: މަންޑޭގެ ޕާޓްނަރު ޖައިޝާން ސައީދަށް 159 އަހަރުގެ ޖަލު ހުކުމެއް

Author
އަހުމަދު
31 ޑިސެމްބަރ 2025 12:36
0

ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކުމުގެ ޖަރީމާގައި ހަސަން މަމްދޫހު (މަންޑޭ) އާ ގުޅިގެން މަސައްކަތްކުރި ރ.އަލިފުށި/ކިނާރާގެ ޖައިޝާން ސައީދަށް 159 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޖައިޝާންގެ މައްޗަށް ޖުމްލަ 89 ދައުވާއެއް ސާބިތުވިއެވެ. އޭގެ ތެރޭގައި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 41 ދައުވާއާއި، ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާއާއި، މަނީލޯންޑާކުރުމަށް އެހީތެރިވުމުގެ ދައުވާއާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ ހިމެނެއެވެ. ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ޖައިޝާން ޖަލުގައި ހޭދަކުރަން ޖެހޭނީ 159 އަހަރާއި ފަސް މަހާއި 14 ދުވަހެވެ.

މި މައްސަލާގެ އަސާސީ ތުހުމަތުވެރިޔާ މަންޑޭގެ މައްޗަށް 94 ދައުވާއެއް ސާބިތުވުމާ ގުޅިގެން އޭނާއަށް 397 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. މިއީ ރާއްޖޭގައި މިހާތަނަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ. އޭގެ އިތުރުން މަންޑޭ 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން އަމުރުކޮށްފައިވެއެވެ.

ކޭ ޕާކް އެޕާޓްމަންޓުތައް އެ އިމާރާތުގެ މަސައްކަތްކުރި ހަންބޯ ކުންފުންޏަށް ނޭނގި މަކަރާއި ހީލަތް ހަދައިގެން ގިނަ އަދަދެއްގެ ބަޔަކަށް ވިއްކާފައިވާ ކަމަށް އެ ކުންފުނިން 2023 ވަނަ އަހަރު ބުނެފައިވެއެވެ. މި ޖަރީމާ ހިންގުމުގައި މަންޑޭއަކީ މައިގަނޑު ރޯލު ކުޅުނު މީހާކަން އޮޅުންފިލުވައިދީ، ޖައިޝާން އަކީ އެ މަސައްކަތުގައި އޭނާއަށް އެހީތެރިވި މީހާކަން ވަނީ ސާބިތުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.