ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ގައުމުގެ 17 ރަށެއްގައި 20 ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)އާ އެކު އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުޙައްމަދު ދިލްޝާން ޢަބްދުﷲއެވެ. ސިވެކްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ކާނަލް އަޙުމަދު ޒުބެއިރުއެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމާއި، ފުޓްސަލް ދަނޑުތައް ތަރައްޤީކުރުމާއި، މަލްޓި ޕާޕަސް ދަނޑުތައް ޤާއިމްކުރުމާއި، ލައިޓިންގ ސިސްޓަމް ޤާއިމްކުރުމާއި، އައުޓްޑޯ ވޮލީކޯޓާއި ހޭންޑްބޯޅަ ކޯޓު ތަރައްޤީކުރުން ފަދަ މަސައްކަތްތަކެވެ. މި މަޝްރޫޢުތައް ހިންގާނީ ސުޕްރީމް ކޯޓް އިސްލާމިކް ރީޖަނަލް ޑިވަލޮޕްމަންޓް ފަންޑުގެ ހިލޭ އެހީގެ ދަށުންނެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި އދ. ފެންފުށި، އދ. އޮމަދޫ، ބ. ކަމަދޫ، ފ. ދަރަނބޫދޫ، ގއ. ކަނޑުހުޅުދޫ، ހއ. ދިއްދޫ، ހދ. މަކުނުދޫ، ހދ. ނެއްލައިދޫ، މ. ވޭވަށް، ނ. ހޮޅުދޫ، ނ. ކެނދިކުޅުދޫ، ނ. ޅޮހި، ނ. މަގޫދޫ، ނ. މަނަދޫ، ނ. މިލަދޫ، ނ. ވެލިދޫ އަދި ވ. ފުލިދޫ ހިމެނެއެވެ.
ކުޅިވަރުގެ ދާއިރާއަށް ސަރުކާރުން ދެއްވާ އިސްކަމާއި އެކު މި މަޝްރޫޢުތައް ފުރިހަމަވުމުން ރަށްރަށުގެ ކުޅިވަރު ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ.
ކޮމެންޓު ފޮނުވާ