މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ރަސްމާލެއިން ގޯތި ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލު ރޭ އާއްމުކޮށްފި އެވެ. އެ އުސޫލުގައިވާ ގޮތުން މާލޭގައި ދިރިއުޅޭ މީހުން ދެ ކެޓަގަރީއަކަށް ބަހާލައިގެން ގޯތި ދޫކުރާނެ އެވެ. މާލޭގެ ރަށްވެހިންނަށް ގްރޭޓަރ މާލެ ސަރަހައްދާއި ހުޅުމާލެ، ގުޅިފަޅު، ގިރާވަރުފަޅާއި ރަސްމާލެއިން ވެސް ގޯތި ލިބޭނެ އެވެ. އެހެން ނަމަވެސް އެހެން ރަށްރަށުގެ މީހުންނަށް ގޯތި ދޫކުރާނީ ހަމައެކަނި ރަސްމާލެއިން ނެވެ.
އެހެން ރަށްރަށުގެ މީހުންނަށް ރަސްމާލެއިން ގޯތި ލިބުމަށް މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާން ޖެހެ އެވެ. އަހަރު ގުނާނީ އަންނަ ޖެނުއަރީ 14 ވަނަ ދުވަހާ ހަމައަށެވެ. ޕޮއިންޓް ދިނުމުގައި މާލޭގައި ދިރިއުޅުނު މުއްދަތާއި މިލްކިއްޔާތުގައި ބިމެއް އޮތުން ނުވަތަ ބަހައިގެން ބިމެއް ލިބެން އޮތުން ބަލާނެ އެވެ.
ގޯތި ލިބުމަށް އެދޭ މީހެއްގެ ނަމުގައި ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދަކުން 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ލިބިފައި ނުވާން ޖެހެ އެވެ. އަދި އެ މީހެއްގެ އަނބި ނުވަތަ ފިރިމީހާގެ ނަމުގައި ވެސް ގްރޭޓަރ މާލެ ސަރަހައްދުން 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ލިބިފައި ނުވާން ޖެހެ އެވެ. 400 އަކަފޫޓަށް ވުރެ ކުޑަ ގޯއްޗެއް އޮތް ނަމަ، ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ބިމެއް ދޫކޮށްލަން އެއްބަސްވާން ޖެހޭނެ އެވެ. އެ މީހެއްގެ ނަމުގައި އެއްމެދު ގޯއްޗެއް ރަޖިސްޓަރީކޮށްފައިވާ ނަމަ، އެ ގޯތީގެ ބާކީ ތިބި ފަރާތްތަކަށް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތީން ދޫކޮށްލަން އެއްބަސްވާން ޖެހޭނެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މި އަންނަ އަހަރުގެ ކުރީ ކޮޅަށް ހިއްކައި ނިމެނޭ ކަމަށް ލަފާކޮށްފައިވާ ރަސްމާލެއިން 25،000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ފުރަތަމަ ދޫކުރާނީ 15،000 ގޯތި ކަމަށެވެ.
ކޮމެންޓު ފޮނުވާ