"ޒީޓީވީ" އިން ގެނެސްދިން ޑުރާމާ "ޤުބޫލް ހޭ" އަކީ ބެލުންތެރިންގެ ތެރޭގައި ވަރަށް މަޝްހޫރު ވި ޑުރާމާއެކެވެ. މި ޑުރާމާގެ ލީޑް އެކްޓަރުން ސުރްބީ ޖްޔޯތީ (ޒޯޔާ) އަދި ކަރަން ސިންގް ގްރޯވަރ (އަސަދް) ގެ ކެމިސްޓުރީ އަކީވެސް ބެލުންތެރިންނަށް މި ސީރީޒް ކަމުދިޔައެއް ސަބަބެވެ. އެހެންކަމުން ސީރީޒްގެ ޕްރޮޑަކްޝަން ޓީމުން މި ވަނީ މިހާރު "ޤުބޫލް ހޭ 2.0″ ގެ މަސައްކަތް ފަށާފައެވެ.
"ޤުބޫލް ހޭ 2.0″ ގެނެސްދިނުމަށް ހަމަޖެހިފައިވަނީ "ޒީ-5″ އިންނެވެ. މިހާރު ޝޫޓިންނަށް މި ސީރީޒްގެ ޓީމު ވަނީ ސަރބިއާއަށް ގޮސްފައެވެ. އެއާއެކު "ޤުބޫލް ހޭ 2.0″ގެ ފަސްޓު ލުކް ވަނީ ފޭނުންނަށް ދައްކާލާފައެވެ.
މި ފޮޓޯގައި ފެނިގެންދަނީ ދެމީހުން އެކަކު އަނެކަކުގެ ނިތާއި ނިތް ޖައްސައިގެން ތިއްބައެވެ. މި ފޮޓޯ ފޭނުމުން ހުރިހާ ފޭނުން ތިބީ ޤަބޫލު ހޭ ގެ ދެވަނަ ބައި ބަލާލުމަށް ކެތްމަދުވެފައެވެ. އެއާއެކު ސޯޝަލް މީޑިއާގައި ސުރްބީ ޖްޔޯތީ އާއި ކަރަންގެ ފޭނުންވަނީ އުފާ ފާޅުކޮށްފައެވެ.
އަންކުޝް މަލްހޯތުރާ އަދި ގްލެން ބެރެޓޯ ޑައިރެކްޓްކުރާ "ޤަބޫލް ހޭ 2.0″ އަކީ 10 އެޕިސޯޑުގެ މައްޗަށް ހަދާ ލޯބީގެ ޑުރާމާ ސީރީސްއެކެވެ. އަދި މި ޑުރާމާ މިއަހަރު ތެރޭގައި ރިލީސްކުރުމަށް ހަމަޖެހިފައިވާއިރު، ޝޫޓިންގެ ފޮޓޯތައް ވަނީ މުޅި އިންޓަނެޓުގައި ވައިރަލް ވެގެން ގޮސްފައެވެ.