ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުޙައްމަދު ޝަމްޢާން ވަޙީދު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލައިފިއެވެ. މި ނިންމުން ނެގުނީ އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާތަކުގެ މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އިޙްތިމާލު ކުޑަވެފައިވާ ކަމަށް ފެންނާތީ ޝަރުތުތަކަކާއެކު ދޫކޮށްލުމަށް ދައުލަތުން އެދުމާ ގުޅިގެންނެވެ. ނަމަވެސް ޝަމްޢާންގެ ޕާސްޕޯޓް ކޯޓުން ވަނީ ހިފަހައްޓާފައެވެ.
މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިދޭސީންގެ އަތުން ފައިސާ ހޯދަމުން އައިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުން ޝަމްޢާން ހައްޔަރުކުރީ އޭނާ މަޤާމުން ވަކިކުރުމުގެ ކުރިންނެވެ. މި މައްސަލައިގެ ތަޙުޤީޤަށް އޭނާގެ ގެ ބަލައި ފާސްކުރިއިރު 257،475 ރުފިޔާއާއި 10،000 ޑޮލަރުގެ އިތުރުން ބައެއް އެހެން ޤައުމުތަކުގެ ފައިސާއާއި އިލެކްޓްރޯނިކް ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ފައިސާއަކީ ބިދޭސީންގެ އަތުން ނަހަމަ ގޮތުގައި ހޯދާފައިވާ ފައިސާކަމަށް ފުލުހުން ތުހުމަތުކުރެއެވެ.
ކޮމެންޓު ފޮނުވާ