ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ފްލެޓް ޓަވަރުތަކުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ސަރަހައްދު ބެލެހެއްޓުން އިތުރަށް ފަސޭހަވެ ހަރުދަނާކުރުމަކީ މި މަސައްކަތުގެ މައިގަނޑު މަގްސަދެވެ.
އެޗްޑީސީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި ކެމެރާތަކުގެ ސަބަބުން އެ ސަރަހައްދުގައި ހިނގާ ކަންތައްތައް މޮނިޓަރކުރުން ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. މިގޮތުން ސެކިއުރިޓީ ކަންކަން ހަރުދަނާވެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.
ހިޔާ ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. 2022 ވަނަ އަހަރުގެ މެއި މަހުގައި ހިޔާގެ ޓަވަރު 13 އަދި 14 ގައި ކެމެރާ ހަރުކޮށްފައިވާއިރު، އެ އަހަރުގެ ޖުލައި މަހު ޓަވަރު 13، 14، 15 އަދި 16 ގައި ޖުމްލަ 768 ސެކިއުރިޓީ ކެމެރާ ހަރުކޮށް ނިންމާފައިވެއެވެ. މި ކެމެރާތަކުން ޓަވަރުތަކުގެ ބޭސްމެންޓާއި ކޮރިޑޯތަކާއި ލިފްޓް އަދި ޓެރަސް ކަވަރުކުރެވި، ޓަވަރުތަކުގެ ތެރޭގައި ހިނގާ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް އެޗްޑީސީން އުންމީދުކުރެއެވެ.
ހުޅުމާލެ ރައްކާތެރި އަދި އަމާން ތަނަކަށް ހެދުމަށް އެޗްޑީސީން ކުރާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ވިނަރެސް ޓަވަރު 9 ގައި ސީސީޓީވީ މޮނިޓަރިން ކޮމާންޑް ސެންޓަރެއް ގާއިމްކޮށްފައިވާއިރު، މި ސެންޓަރުގެ ޒަރީއާއިން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރެވިފައިވާ ކެމެރާތަކުން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.
ކޮމެންޓު ފޮނުވާ