އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލި ފެއިލިތަކުގައި ދިރިއުޅެން މަޖުބޫރުވެފައިވާ ޣައްޒާގެ އެއާއިލާއެއްގެ އުމުރުން އެންމެ 14 ދުވަސްވީ ދަރިފުޅު މުޙައްމަދު ޚަލީލް އަބޫ އަލް-ޚައިރު ޑިސެމްބަރު 15 ވަނަ ދުވަހު ފިނިވުމުގެ ސަބަބުން ނިޔާވެއްޖެއެވެ.
ޚާން ޔޫނިސްގެ އަލް-މަވާސީ ސަރަހައްދުގައި ޓެންޓެއްގައި ދިރިއުޅެމުންދިޔަ މި އާއިލާގެ މައިންބަފައިން ބުނީ، ޑިސެމްބަރު 13 ވަނަ ދުވަހުގެ ރޭގަނޑު ބޯކޮށް ވާރޭވެހި ފިނިގަދަވެފައި ވަނިކޮށް، ކުއްޖާގެ ހަށިގަނޑު ގަނޑުވެ ނޭވާލާންވެސް ދަތިވެފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. ރޭގަނޑުގެ ވަގުތު ކަމާއި ބޯކޮށް ވެހޭ ވާރޭގެ ތެރޭގައި ހޮސްޕިޓަލަށް ދެވޭނެ އުޅަނދެއް ނުލިބި އިރުއަރަންދެން މަޑުކުރަން ޖެހުނެވެ. އެއަށްފަހު އަސް ގާޑިޔަލެއްގައި ރެޑް ކްރެސެންޓް ހޮސްޕިޓަލަށް ގެންދިޔައިރު، ދެ ދުވަސް އައިސީޔޫގައި ފަރުވާ ދިނަސް ކުއްޖާގެ ފުރާނަ ސަލާމަތް ކުރެވޭގޮތް ވަނީ ނުވެފައެވެ.
ޣައްޒާގެ ސިއްޙީ ވުޒާރާއިން ބުނީ މުޙައްމަދު ނިޔާވެފައިވަނީ ގަދަފިނިވުމުގެ ސަބަބުން ކަމަށެވެ. މިއީ މި މަހުގެ ތެރޭގައި ގަދަފިނިވުމުގެ ސަބަބުން ޣައްޒާގައި ނިޔާވި ހަތަރުވަނަ ކުއްޖާއެވެ. ސިއްޙީ ވުޒާރާގެ އޮފިޝަލުން ވަނީ ވާރޭވެހި ތެމިފައިވާ ޓެންޓުތަކުގެ ތެރޭގައި ކުދިންނާއި މުސްކުޅިންނާއި ބަލިމީހުން އިތުރަށް ނިޔާވުމުގެ ބޮޑު ނުރައްކަލެއް އޮތް ކަމުގެ އިންޒާރު ދީފައެވެ. މުޙައްމަދުގެ މަންމަ އިމާން ވަނީ އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލައިފައެވެ.
ކޮމެންޓު ފޮނުވާ