އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަކީ މީޑިއާއަށް ހެޑްލައިން ހެދުމަށް ބޭނުންކުރާ ސާކަސްއަކަށް ހަދަން މަސައްކަތްކުރާނަމަ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު އެ މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހްސާން ދެއްވައިފިއެވެ.
ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި އޮއްވައި، އެ ބިދޭސީގެ އަތުން 500،000 ރުފިޔާއަށް ވުރެ ގިނައިން އިމިގްރޭޝަން މުވައްޒަފުންނާ ބައިވެރިވެގެން އަތުލުމަށް ފަހު، ކަމާބެހޭ މީހާ ދޫކޮށްލި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ޝަމްއާންގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވެއެވެ.
އިއްޔެގެ އަޑުއެހުމުގައި ގާޒީ އިންޒާރު ދެއްވީ ހެކިވެރިއެއްގެ ގޮތުގައި ހާޒިރުކުރި އިމިގްރޭޝަން މުވައްޒަފަކާ ޝަމްއާން ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. އޭނާ އެ ހެކިވެރިޔާއާ ސުވާލުކުރެއްވީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ލައްވައި ގާނޫނާ ހިލާފް ކަންކަން ކުރަން ހޯމް މިނިސްޓަރު އަލީ އިހްސާން އެންގެވި ކަމަށް ބުނެއެވެ. ދައުލަތުން އެކަމަށް އިއުތިރާޒްކުރުމުން ގާޒީ އެ ސުވާލު ހުއްޓުވާލައްވައި، ދިފާއުގައި ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމާއި ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ޝަމްއާނަށް އޮންނާނެ ނަމަވެސް، ވަކި މެސެޖެއް ބަޔަކަށް ދޭން އެ ޝަރީއަތް ބޭނުން ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
އިއްޔެ ހެކިބަސްދެމުން އިމިގްރޭޝަންގެ މުވައްޒަފު ބުނީ ހިފަހައްޓާފައި އޮތް ބިދޭސީ މީހާ ދޫކޮށްލަން އެދި އީމެއިލްއަށް ސިޓީއެއް ލިބުމުން، އެ ސިޓީ ބެލުމަށް ފަހު އެ މީހާ ދޫކޮށްލުމަށް ކަމާބެހޭ ޑިޕާޓްމެންޓްތަކަށް އެންގުމަށް ޝަމްއާން އޭނާއަށް އެންގި ކަމަށެވެ. ދެވަނަ ހެކިވެރިޔާގެ ގޮތުގައި ހާޒިރުކުރީ ބިދޭސީން ރެކްރޫޓް ކުރުމުގެ މަސައްކަތުގައި އުޅޭ މީހެކެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ޝަމްއާންގެ ބަންދު މުރާޖާކުރުމަށް އޭނާ ހުށަހަޅުއްވި ނަމަވެސް، ވަގުތު ހުރި ގޮތުން އިއްޔެ އެކަން ނުކުރެވޭތީ، މި ހަފުތާގެ އެހެން ދުވަހެއްގައި ބަންދު މުރާޖާ އަޑުއެހުން ބާއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ