ދިރޭ ތަކެތީގެ ސިފައިގައި ހަދާފައިވާ ބުދުތަކާއި މޮނިއުމެންޓްތައް ބެހެއްޓުމަކީ ޙަރާމްކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ކަނޑައަޅައި ރަސްމީ ފަތުވާއެއް ނެރެފިއެވެ. މި މައްސަލައިގައި އިސްލާމީ ޝަރީޢަތުގައިވާ ގޮތް ސާފުކޮށްދިނުމަށްޓަކައި ޢިލްމީ ގޮތުން ކުރެވުނު ދިރާސާތަކުގެ މައްޗަށް ބިނާކޮށް ޢިލްމީ ކަރުދާހެއް ތައްޔާރުކުރެވި އާންމުކުރެވިފައިވެއެވެ.
މަޖިލީހުން ފާހަގަކުރި ގޮތުގައި، ޤިޔާމަތާ ކައިރިވުމުން ބައެއް މީހުން އަލުން ބުދަށް އަޅުކަންކުރަން ފަށާނެ ކަމަށް ޙަދީޘްފުޅުތަކުން އެނގެއެވެ. މި ސަބަބާހުރެ، ޝިރުކަށް މަގުފަހިވެދާނެ އެއްވެސް ޢަމަލެއް ކުރުމަކީ ހުއްދަކަމެއް ނޫންކަމަށް ފަތުވާގައި ބަޔާންވެއެވެ. ޢިލްމުވެރިންގެ އިޖުމާޢުން، ބުދު ހެދުމާއި ބެހެއްޓުން ހަރާމްވެގެންވާ ކަމަށް ފަތުވާގައި ބުނެފައިވާއިރު، މިކަން މަނާކުރެވިފައިވާ މައިގަނޑު ސަބަބުތަކުގެ ގޮތުގައި މަލާއިކަތުންގެ ބަރަކާތުން މަޙްރޫމްވުމާއި، ޝިރުކަށް މަގުފަހިވުމާއި، اللهގެ ޚަލްޤުކުރެއްވުމާ އެއްފަދަކުރުން ހިމެނޭކަމަށް ފާހަގަކުރެވިފައިވެއެވެ.
މިކަމުގެ މުހިންމުކަން ދައްކުވައިދެނީ، ރަސޫލާ (ޞޢވ) މައްކާ ފަތަޙަކުރެއްވި ދުވަހު މަނާތު، ޢުއްޒާ އަދި ލާތު ފަދަ ބުދުތައް ނައްތާލެއްވުމަށް ޞަޙާބީން ފޮނުއްވި ކަމުންނާއި، އެކަލޭގެފާނުގެ އަވަހާރަވުމަށްފަހުގައިވެސް ޞަޙާބީން މިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވި ކަމުގެ ތާރީޚީ ހެކިތަކުންނެވެ. އަދި ބުދުތަކަށް އަޅުކަންކުރުން ފެށިގެން އައިސްފައިވަނީ ޞާލިޙު އަޅުތަކުންގެ ހަނދާނުގައި ހަދާފައިވާ ތަކެތި ޢިލްމު ގެއްލި މީސްތަކުން ބޭނުންކޮށްގެން މަގުފުރެދިގެން ކަމަށް ފަތުވާގައި ބަޔާންވެއެވެ.
ނަމަވެސް ކުޑަކުދިން ކުޅެން ބޭނުންކުރާ ބުދުތަކަކީ މި ޙުކުމުން އިސްތިސްނާވާ ތަކެއްޗެވެ. ޢިލްމުވެރިންގެ ދެކިވަޑައިގަތުމުގައި މިއީ އަންހެންކުދިން ހަގު އުމުރުން ފެށިގެން ގޭތެރޭގެ ކަންކަމަށާއި ދަރިން ބެލެހެއްޓުމަށް ތަމްރީނުކުރުމުގެ ގޮތުން ހުއްދަވެގެންވާ ކަމެކެވެ. މި ނިންމުން ނިންމާފައިވަނީ މަޖިލީހުގެ މެންބަރުން ދިރާސާކުރުމާއި، އިސްލާމީ ފަތުވާދޭ ބައިނަލްއަޤްވާމީ މަޖިލިސްތަކުގެ ފަތުވާތަކަށް ބެލުމަށްފަހު ކަމަށް މަޖިލީހުން ހާމަކުރެއެވެ.
ކޮމެންޓު ފޮނުވާ