މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް، މިފްކޯއަށް ކިރާ އެއް ކިލޯއިން ފެށިގެން މަތީގެ މަހަށް މިއަދުން ފެށިގެން 16ރ. ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ. މި ބަދަލު ގެނައީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ.ދުވާފަރުގައި ބޭއްވި ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އިއުލާންކުރެއްވި ގޮތަށެވެ.
ދައުލަތުގެ މަސްކުންފުނިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މި ބަދަލު ގެނައުމުގެ ކުރިން ފިޝަރީޒް މިނިސްޓްރީއާ ދެމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. މީގެ ކުރިން 16ރ. ލިބެނީ ދޮޅު ކިލޯއިން ފެށިގެން މަތީގެ މަހަށް ކަމަށްވިޔަސް، މިހާރު އެއް ކިލޯއިން ފެށިގެން މަތީގެ ހުރިހާ މަހަކަށް އާ ރޭޓު ހިނގާނެ ކަމަށް ބުންޏެވެ.
މި ބަދަލާ އެކު އައިސްއެޅި ކަނޑުމަހާއި ކަންނެލީގެ ކިލޯއަކަށް 16ރ. ލިބޭއިރު، އައިސް ނާޅާ ކަނޑުމަހާއި ކަންނެލީގެ ކިލޯއަކަށް 14ރ. ދިނުމަށް ހަމަޖައްސައިފި އެވެ. އަދި 15 ކިލޯއިން މަތީގެ ކަންނެލީގެ ކިލޯއަކަށް 18ރ. މަސްވެރިންނަށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިފްކޯއިން ބުނީ މަސްވެރިން ބޭނުންވާ އަގު މަހަށް ހޯދައިދީ ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓު ފޮނުވާ