ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭޔޫ) އިން ކަނޑުމަތީ ކުރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. މައުރޫފަކީ ބީކޭޔޫގެ އެއް ފައުންޑަރު އަދި ޖެނެރަލް ސެކްރެޓަރީއެވެ.
މިފްކޯއިން ބޮޑުކަންނެލި ގަތުމަށް ގޮވާލައި ބުދަ ދުވަހު ފެށި މި އިހުތިޖާޖުގައި 49 ދޯންޏެއް ބައިވެރިވިއެވެ. ހުޅުމާލެ ކަންނެލި ޖެޓީން ފެށި މި އިހުތިޖާޖުގެ ބައިވެރިން މާލެއާ ދިމާއަށް މިސްރާބު ޖެހުމުން ކޯސްޓްގާޑުން އެ މީހުން ހުއްޓުވިއެވެ.
ފުލުހުން ބުނާގޮތުގައި އިހުތިޖާޖުގެ ބައިވެރިން ވަނީ މާލެ ކައިރިން ދަތުރުކުރާ އުޅަނދުތަކަށް ހުރަސް އަޅައި، ފުލުހުންގެ އެންގުންތަކަށް ތަކުރާރުކޮށް ދެކޮޅު ހަދައިފައެވެ. އަދި ބިދޭސީންގެ މައުލޫމާތު ޗެކްކުރަން ދޯނިތަކަށް އެރުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި މައުރޫފް ހިމެނޭހެން ތިން މީހަކު ހައްޔަރުކޮށް، ތިން ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
ކޮމެންޓު ފޮނުވާ