ވޭޕް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށްފަހު، ގެންނަން މަސައްކަތްކުރި އެންމެ ބޮޑު ޝިޕްމަންޓް މިމަހުގެ 4 ވަނަ ދުވަހު ކަސްޓަމްސްއިން ހިފަހައްޓައިފިއެވެ. މާލެ ކޮމާޝަލް ހާބަރުގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި، ކަނޑުމަގުން ގެނައި މުދާ ޝިޕްމަންޓެއްގެ ތެރެއިން ފޮރުވާފައި ހުރި 10،800 ވޭޕް ކާޓްރިޖް ހޯދިފައިވާކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މި ތަކެތީގެ މަގުމަތީ އަގު 2.7 މިލިޔަން ރުފިޔާއަށް އަރާކަމަށް ވެއެވެ. ޤާނޫނާ ޚިލާފް ތަކެތި ހުރިކަން ފާހަގަކުރެވިގެން ބަލާފާސްކުރި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމާގުޅުންހުރި އިދާރާތަކާއެކު ތަޙުޤީގުކުރަމުން އެބަދެއެވެ.
ވޭޕް މަނާކުރުމަށްފަހު މިހާތަނަށް 66،000 އަށްވުރެ ގިނަ ވޭޕް އާލާތްތައް ކަސްޓަމްސްއިން ހިފަހައްޓާފައިވާއިރު، މިދިޔަ ހޮނިހިރުދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދެ ގެއެއް ބަލައި 500 އަށްވުރެ ގިނަ ވޭޕް އާލާތްތައް ހޯދާފައިވެއެވެ.
ކޮމެންޓު ފޮނުވާ