ގޮއިދޫގައި ކެންސަރު ބަލި އިތުރުވުމާ ގުޅިގެން މިނިސްޓަރުންނަށް ސިޓީ އެއް!

ގޮއިދޫގައި ކެންސަރު ބަލި އިތުރުވުމާ ގުޅިގެން މިނިސްޓަރުންނަށް ސިޓީ އެއް!

Author
އަހުމަދު
08 ޑިސެމްބަރ 2025 08:20
0

ގާތްގަނޑަކަށް 500 މީހުން ދިރިއުޅޭ ބ. ގޮއިދޫގައި ކެންސަރު ބަލި ޚާއްސަ ގޮތެއްގައި އާންމުވަމުންދާތީ، އެކަން ދިރާސާކޮށްދިނުމަށާއި އެ ރަށުގެ ދަނޑުތަކުގައި ޕެސްޓިސައިޑް ބޭނުންކުރާ ގޮތް ބެލުމަށް އިންސްޕެކްޝަން ހިންގައިދިނުމަށް އެދި، ގޮއިދޫއަށް ނިސްބަތްވާ މީހަކު ހެލްތު މިނިސްޓަރާއި އެގްރިކަލްޗާ މިނިސްޓަރަށް ސިޓީ ފޮނުވައިފިއެވެ.

ސޯޝަލް މީޑިއާގައި 'ޝަހުލާ ވަޖީހު' ނަމުގައި ހަރަކާތްތެރިވާ މި ފަރާތުން ފޮނުވި ސިޓީގައި ބުނީ، މިދިޔަ ފަސް އަހަރުތެރޭ ގޮއިދޫގެ ނުވަ މީހަކަށް ކެންސަރު ޖެހިފައިވާއިރު، އޭގެ ތެރެއިން ތިން މީހަކު މަރުވެފައިވާ ކަމަށެވެ. އާބާދީ މަދު އެ ރަށުގައި ނިސްބަތުން ބަލާއިރު ގައިން ގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާއިރު، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ދުފާ މީހުންގެ އަދަދު ވެސް ގިނަ ކަމަށް ބުންޏެވެ.

ދެވަނަ މައްސަލައެއްގެ ގޮތުން ފާހަގަކުރީ، ގޮއިދޫގައި ދަނޑު ހެދުމަށް ދޫކޮށްފައިވާ ބިންތަކުގެ 95 އިންސައްތަ ބިދޭސީންގެ ހިންގާކަމަށާއި، މި ދަނޑުތަކުގައި ނުރައްކާތެރި މިންވަރަށް ޕެސްޓިސައިޑްސް އަދި ކެމިކަލްތައް ބޭނުންކުރާކަމަށެވެ. ބޭސް ޖެހުމަށްފަހު އެކަށީގެންވާ ވަގުތު ނުދީ ތަރުކާރީއާއި ފަތްޕިލާވެއްޔާއި މިރުސް ފަދަ ތަކެތި ކަނޑައި ވިއްކަމުންދާކަން ވެސް ސިޓީގައި ފާހަގަކުރިއެވެ.

މި ސިޓީގައި ބުނީ، ރައްޔިތުންގެ ސިއްހަތު ނުރައްކާ ވެފައިވާތީ، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން ގޮއިދޫގެ ދަނޑުތައް އިންސްޕެކްޓްކުރުމާއި، ކެންސަރު ބަލި އާންމުވުމުގެ ސަބަބުތައް ދިރާސާކޮށް ރައްޔިތުން ހޭލުންތެރި ކުރުވުމަކީ މުހިންމު ކަމެއް ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުން މަރުވަނީ ކެންސަރު ބަލީގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.