ސިނގިރޭޓު އެތެރެކުރުން މަދުވެ، އިމްޕޯޓް ޑިއުޓީ އަށް އަންދާޒާކުރި އަދަދުން ލިބުނީ 61 ޕަސެންޓް

ސިނގިރޭޓު އެތެރެކުރުން މަދުވެ، އިމްޕޯޓް ޑިއުޓީ އަށް އަންދާޒާކުރި އަދަދުން ލިބުނީ 61 ޕަސެންޓް

Author
އަހުމަދު
07 ޑިސެމްބަރ 2025 08:05
0

ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ސައްހަ ގޮތުގައި ސިނގިރޭޓު އެތެރެކުރުން ވަރަށް ބޮޑަށް މަދުވުމުން، މި އަހަރު އިމްޕޯޓް ޑިއުޓީއަށް ލިބޭނެ ކަމަށް އަންދާޒާކުރި އަދަދުން މިހާތަނަށް ލިބިފައިވަނީ 61 ޕަސެންޓް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

މި އަހަރު އިމްޕޯޓް ޑިއުޓީން 4.58 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރި ނަމަވެސް މިދިޔަ މަހުގެ 27އަށް ލިބިފައިވަނީ 2.79 ބިލިއަން ރުފިޔާއެވެ. އަހަރު ނިމެން މަސްދުވަސް ވެފައިވާއިރު އަންދާޒާއާ އެއްވަރު ކުރަން 1.78 ބިލިއަން ރުފިޔާ ބޭނުންވެއެވެ. މިހާތަނަށް ލިބިފައިވާ އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 12.8 ޕަސެންޓްގެ ދަށްވުމެކެވެ.

މި ސަރުކާރުން ދުންފަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އިމްޕޯޓް ޑިއުޓީ ބޮޑުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31ގައެވެ. 20 ސިނގިރޭޓް ހިމެނޭ ފޮއްޓަކަށް ނަގަމުން އައި 60 ރުފިޔާ 160 ރުފިޔާއަށް ބޮޑުކުރުމާ ގުޅިގެން ސިނގިރޭޓުގެ އަގުތައް ވަރަށް ބޮޑަށް އުފުލުނެވެ. އެގޮތުން ކުރިން 110އަށް ލިބުނު ފޮށީގެ އަގު 250އަށް އެރިއެވެ.

އިދިކޮޅުންނާއި ސަރުކާރުގެ ބައެއް ބޭފުޅުން ވެސް ވިދާޅުވާ ގޮތުގައި އިމްޕޯޓް ޑިއުޓީ ދަށްވި މައިގަނޑު ސަބަބަކީ ޑިއުޓީ ބޮޑުކުރުމުން ސައްހަ ގޮތުގައި ސިނގިރޭޓު އެތެރެކުރުން މަދުވުމެވެ. އެހެންކަމުން ގިނަ ބަޔަކު ވަގަށް ސިނގިރޭޓު އެތެރެކޮށް ބޭނުންކުރާ ކަމުގެ ތުހުމަތުތައް އިތުރުވެފައިވެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުން ދައްކާ ގޮތުން 2023 ވަނަ އަހަރުގެ ޖަނަވަރީން ޖޫން މަހަށް 167 މިލިއަނަށް ވުރެ ގިނައިން ސިނގިރޭޓު އެތެރެކުރި ނަމަވެސް މި އަހަރުގެ ޖަނަވަރީން ޖުލައި މަހަށް އެތެރެކޮށްފައިވަނީ 41 މިލިއަން ސިނގިރޭޓެވެ.

އަންނަ އަހަރު އިމްޕޯޓް ޑިއުޓީން ލިބޭނެ ކަމަށް ލަފާކުރި އަދަދު 3.13 ބިލިއަނަށް ދަށްކޮށްފައިވާއިރު، ދަރަނި ބޮޑުވެ އަންނަ އަހަރު އެކަނި ވެސް 1.1 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ހިސާބުގައި ރާއްޖެއަށް މާލީ ގޮތުން ގިނަ ދަތިތަކެއް ކުރިމަތިވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.