އައްޑޫގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނުން 10 މީހަކު ހައްޔަރުކޮށްފި

އައްޑޫގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނުން 10 މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
06 ޑިސެމްބަރ 2025 08:25
0

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން އައްޑޫސިޓީގައި ހިންގި އޮޕަރޭޝަނުގައި 10 މީހަކު ހައްޔަރުކޮށް، 10 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 6 މީހަކު ކޯޓަށް ހާޒިރުކުރުމުން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އެގޮތުން ސ. ހިތަދޫ ގުލްކަނދުގެ ޙަސަން ނަޒީފް (36އ) މިއަދު ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާއިރު، މީގެ ކުރިން ބަންދުގެ މުއްދަތު އިތުރުކުރެވިފައިވާ މީހުންނަކީ ހިތަދޫ ކޮންމުލިގެ ޢަލީ ނަދީމް (30އ)، ހިތަދޫ ފަލާޙުގެ ހާފިޡު ފައުޒީ (31އ)، ހިތަދޫ ވެޔޮފެހެބުރުގެ އިބްރާހީމް ސިރާޖު (43އ)، ހިތަދޫ ދޮރުފޮތިމާގެ ޙަސަން ޢަލްފާފް (28އ) އަދި ހިތަދޫ ކެކުރިމާގެ އަމީން މުޙައްމަދު (23އ) އެވެ.

ފުލުހުން ބުނީ މި ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާކުރުމުގެ ތަހުގީގު މި އަހަރު މާޗު މަހުން ފެށިގެން ކުރަމުންދާ ކަމަށެވެ. 2017 އިން ފެށިގެން މި ނެޓްވޯކުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ގެންދާކަން ހޯދިފައިވާއިރު، ފާއިތުވި 5 އަހަރު މި ނެޓްވޯކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށް ވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.