ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ މީހަކު އެއްވެސް ޝަރުތަކާ ނުލައި ބަންދުން ދޫކޮށްލި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ ހުސެއިން ފާއިޒް ރަޝާދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ އީރާނުގެ ބޯޓަކުން ރާއްޖެއަށް އެތެރެކުރި 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި އަލީ އަންވަރު، ގާޒީ ފާއިޒް ދޫކޮށްލުމާއެކު ރާއްޖެ ދޫކޮށް ފިލައިގެން ދިޔަ ކަމަށެވެ. ފަހުން ލަންކާގެ އެހީތެރިކަމާއެކު އޭނާ ހައްޔަރުކޮށް އަނބުރާ ރާއްޖެ ގެނެސްފައިވެއެވެ.
ގާޒީ ފާއިޒް ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފަށް އަމަލުކޮށްފައިވާކަން ސާބިތުވާ ކަމަށް ޖޭއެސްސީން ކަނޑައަޅާފައިވާއިރު، މި މައްސަލައިގައި އޭނާ ހުންނެވީ މިދިޔަ މަހުން ފެށިގެން ސަސްޕެންޝަނުގައެވެ. ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން މި މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓު ފޮނުވާ