ކޮވިޑް-19ގެ ވަބާއާއެކު 2022 ވަނަ އަހަރު ބަނގުރޫޓްވި ސްރީލަންކާ އެ ހާލަތުން އަރައިގަންނަމުން ދަނިކޮށް މިދިޔަ ހަފްތާގައި އެ ގައުމަށް އެރި ދިތުވާ ތޫފާނުގެ ސަބަބުން އިގްތިސާދީ ގޮތުން އިތުރު ގެއްލުންތަކެއް ކުރިމަތިވެއްޖެއެވެ.
ފަތުރުވެރިކަން ހުއްޓުމާއި ބޭރު ފައިސާ ލިބުން މަދުވުމާއި ކޮރަޕްޝަނާއި ދަރަނި ބޮޑުވުމުގެ ސަބަބުން ސްރީލަންކާ ބަނގުރޫޓްވީ 2022 ގައެވެ. ރައްޔިތުން މަގުތަކަށް ނުކުމެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ގައުމުން ފައްސާލުމާއެކު ރަނިލް ވިކްރަމަ ސިންހަގެ ލީޑާޝިޕްގެ ދަށުން އެ ހާލަތުން 2024 ގެ ކުރީކޮޅު އަރައިގަތެވެ.
މި އަހަރު އިގްތިސާދު 4.8 އިންސައްތައިގައި ކުރިއެރި ނަމަވެސް 23 މިލިޔަން މީހުންގެ އާބާދީގެ 30 އިންސައްތަ އަދިވެސް ދިރިއުޅެމުންދަނީ ފަގީރުކަމުގައެވެ.
މި ހާލަތުގައި އޮއްވައި އެރި ދިތުވާ ތޫފާނުގެ ސަބަބުން 80،000 މީހުންގެ ގެދޮރު ހަލާކުވެ ލައްކައެއްހާ މީހުން ވަނީ ހާލުގައި ޖެހިފައެވެ. ދަނޑުބިންތަކާއި ކާރުޚާނާތަކާއި ރޭލުވޭ ނިޒާމާއި ކަރަންޓް ނެޓްވޯކަށް ބޮޑެތި ގެއްލުންތައް ލިބި، ފަތުރުވެރިކަމުގެ މަޝްހޫރު ނޫރަލިޔާއަށް ވެސް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.
ތޫފާނުގެ ސަބަބުން 700 މިލިޔަން ޑޮލަރުގެ ގެއްލުމެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވޭއިރު، އެކި ގައުމުތަކުން ސްރީލަންކާއަށް ދަތުރު ނުކުރުމަށް އިލްތިމާސް ކުރަމުންދާތީ ފަތުރުވެރިންގެ ބުކިންގްތައް ކެންސަލްވަމުންދާ ކަމަށް އެ ގައުމުގެ މީޑިއާއިން ބުނެއެވެ. މިއީ ބަނގުރޫޓްވުމަށްފަހު ސްރީލަންކާއަށް ކުރިމަތިވި ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް ތަޖުރިބާކާރުން ދެކެއެވެ.
ކޮމެންޓު ފޮނުވާ