ކުރީގެ އަރަބިއްޔާ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ މާލޭގައި ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކަށްވާތީ އެ ސަރަހައްދުގައި ޕާކިންގ ޒޯނެއްގެ އިތުރުން ޕާކެއް ތަރައްޤީކުރަން ނިންމާފައިވާކަމަށެވެ. އެ ސަރަހައްދަކީ މީހުން ތޮއްޖެހޭ ޓްރެފިކް ބާރުބޮޑު ހިސާބެއްކަމުން އެތަން ސާފުކޮށް ތަރައްޤީކުރުމުން މާލޭގެ މަގުމަތީ ހަރަކާތްތަކަށް ލުއިފަސޭހަކަން ލިބިގެންދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ސްކޫލްތައް ގިނަ ސަރަހައްދަކަށްވާތީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނަވައިގެން، އިމްތިހާނު ދުވަސްވަރު ކައިރިވުމުގެ ކުރިން މަސައްކަތް ނިންމާލުމަށް ސަރުކާރުން މަސައްކަތްކުރާކަމަށާއި، ދޮޅު މަސް ތެރޭގައި މަސައްކަތް ނިމިގެންދާނެކަމަށް ވަޒީރު ޝަރީފް ވިދާޅުވިއެވެ.
ރައީސް ބޭނުންފުޅުވަނީ ކުރުމުއްދަތެއްގެ ތެރޭގައި އެތަން އެއްކޮށް ސާފުކުރުމަށްފަހު އާންމުންނަށް ފައިދާހުރި ޕާކާއި ޕާކިންގ ޒޯން ތަރައްޤީކުރުމަށްކަމަށް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ