ގުދަނެއްގެ ފުރާޅެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލި ރައުދު އަހްމަދު ޒިލާލަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. އެޕްރިލް މަހު ހިނގި މި ހާދިސާއާ ގުޅިގެން އޭނާގެ މައްޗަށް އުފުލި ދައުވާއަކީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާއެވެ.
މިދިޔަ ހަފުތާގައި ބޭއްވި އަޑުއެހުމުގައި ރައުދު ކުށަށް އިއުތިރާފުވުމާ ގުޅިގެން، ގާނޫނުގައިވާ އަސާސީ މިންގަނޑު ކަމުގައިވާ އެއް މަހާއި ހަ ދުވަހުގެ ހުކުމަށް ވުރެ އެއް ދަރަޖަ ލުއިކޮށްދީ 27 ދުވަހުގެ ޖަލު ހުކުމް އިއްވައިފައިވާއިރު، ރައުދު ބަންދުކޮށްފައި ހުރި މުއްދަތަށް ބަލާއިރު އެއަށް ވުރެ ދިގު މުއްދަތަކަށް އޭނާ ބަންދުގައި ހޭދަކޮށްފައިވާތީ ދެން ތަންފީޒުކުރަންޖެހޭ ހުކުމެއް ނޯންނާނެއެވެ. 25 އޭޕްރީލްގައި ހައްޔަރުކުރުމަށްފަހު، ރައުދު ބަންދުގައި ހުރީ ޖުމްލަ އެއް މަހާއި ތިން ދުވަހެވެ.
ކޮމެންޓު ފޮނުވާ