ޓްރޭޑްމާކު ބިލް ގާނޫނަކަށް ވެގެން ދިއުމާއެއްކު، ޕޭޓަންޓާބެހޭ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.
މިނިސްޓަރު ސަޢީދު ވިދާޅުވީ، ޕޭޓަންޓް ބިލް އެކުލަވައިލުމުގެ މަސައްކަތް ވާލްޑް އިންޓަލެކްޓުއަލް ޕްރޮޕަޓީގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުރަމުން އަންނަ ކަމަށާއި، އިރާދަކުރެއްވިއްޔާ 2026 ވަނަ އަހަރު ރާއްޖޭގައި އަލަށް ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކޮށްދޭ އޮފީހެއް ތަޢާރަފްކުރައްވާނެ ކަމަށެވެ.
ސަރުކާރުން ކޮޕީރައިޓް ގާނޫނަށް ޒަމާނާ ގުޅޭ އިސްލާހުތަކެއް ގެނެސް، ދިވެހިރާއްޖެ ބާން ކޮންވެންޝަނުގައި ބައިވެރިވެފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ އުފެއްދުންތެރީންނާއި ފަންނުވެރީންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ދެއްވި ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން އަމަލީ ގޮތުން ކުރިއަށް ގެންދަވާ މުހިއްމު މަސައްކަތްތަކެއް ކަމަށެވެ.
ރައީސް މުޢިއްޒު ކްރިއޭޓިވް އިންޑަސްޓްރީއެއް ރާއްޖޭގައި ގާއިމުކޮށްދެއްވާނެކަމުގެ ވަޢުދުފުޅު ދެއްވުމާއެކު، މިހާތަނަށް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މި ދާއިރާއިން މުހިއްމު ގިނަ ކާމިޔާބީތަކެއް ހޯދިފައިވާކަމުގައި މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ