ފުވައްމުލަކަށް ފޯރުކޮށްދޭ ފެނަކީ ސަޕްލައި ވޯޓާގެ މިންގަނޑުތަކަށް ފެތޭ ފެނެއް: ރެގިއުލޭޓަރީ އޮތޯރިޓީ

ފުވައްމުލަކަށް ފޯރުކޮށްދޭ ފެނަކީ ސަޕްލައި ވޯޓާގެ މިންގަނޑުތަކަށް ފެތޭ ފެނެއް: ރެގިއުލޭޓަރީ އޮތޯރިޓީ

Author
ހުސައިން
17 ނޮވެމްބަރ 2025 10:25
0

ފުވައްމުލަކު ސިޓީގެ ފެން ރައްކާތެރިކަމާ ބެހޭ ގޮތުން ސަރުކާރުގެ ތަފާތު އިދާރާތަކުން ތަފާތު ލަފާތައް ދެމުން ދާތީ އެ ސިޓީގައި ވަނީ ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިފައެވެ.

މިދިޔަ ހޯމަ ދުވަހު ފެން ބޭނުންކުރަން ރައްކާތެރި ނޫން މިންވަރަކަށް ތަޣައްޔަރުވިކަން ލެބޯޓަރީ ޓެސްޓުތަކުން ހާމަވުމާ ގުޅިގެން ފެނަކައިން ފުވައްމުލަކުގެ ފެނުގެ ހިދުމަތް ވަނީ ހުއްޓާލާފައެވެ. މިދިޔަ ހުކުރު ދުވަހު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެން ތަހުލީލުކުރިއިރު ފެން ރައްކާތެރި ކަމަށެވެ. ނަމަވެސް ފުވައްމުލަކު ސިޓީ ކައުންސިލްއިން ބުނީ ފެން ރައްކާތެރި ނޫން ކަމަށާއި، މި މައްސަލައިގައި ފެނަކަ ގޮވައިގެން ކޯޓަށް ދާން ނިންމާފައިވާ ކަމަށެވެ.

މިރޭ ރައްޖޭގެ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)އިން ނެރުނު ބަޔާނެއްގައި ބުންޏީ ފެނަކައިން ފުވައްމުލަކަށް ފޯރުކޮށްދޭ ފެނަކީ އެ އޮތޯރިޓީގެ ސަޕްލައި ވޯޓާގެ މިންގަނޑުތަކަށް ފެތޭ ފެނެއް ކަމަށެވެ. އެހެންނަމަވެސް ސޯޝަލް މީޑިއާގައި ފެނުގެ ކުލަ ބަދަލުވެފައިވާ މަންޒަރުތައް ބައެއް މީހުން ވަނީ ހިއްސާކޮށްފައެވެ.

ދިހަ ހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ފުވައްމުލަކުން ފެނުގެ ހިދުމަތް މެދުކެނޑުމުން ރައްޔިތުން ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ރަށުގެ ފިހާރަތަކުން ވެސް ފެން ހުސްވުމާ ގުޅިގެން ސަރުކާރުން އެތައް ސަތޭކަ ފެން ކޭސް ވައިގެ މަގުން ފުވައްމުލަކަށް ފޮނުވައި، ސިފައިން ޕިކަޕުތަކުގައި ގޭގެއަށް ފެން ގެންގޮސްދިނުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.