މަރުކަޒީ ބޭންކުގެ ލަފައަކީ ބަހާލައިގެން މުސާރަބޮޑުކުރުން

މަރުކަޒީ ބޭންކުގެ ލަފައަކީ ބަހާލައިގެން މުސާރަބޮޑުކުރުން

Author
ހުސައިން
15 ނޮވެމްބަރ 2025 06:51
0

އަންނަ އަހަރު ދައުލަތުގެ ބައެއް މުއައްސަސާތަކުގެ މުސާރަތައް ބޮޑުކުރުމަށް ނިންމާފައިވާއިރު، އެކަން އެއްފަހަރާ ނުކޮށް ބަހާލައިގެން ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހުމަދު މުނައްވަރު ލަފާދެއްވައިފިއެވެ.

މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ މުސާރަތައް އެއްފަހަރާ ބޮޑުކުރުމުން އިގްތިސާދަށް ނޭދެވޭ އަސަރުކުރާނެކަމަށާއި، ހާއްސަކޮށް ފޮރިން އެކްސްޗޭންޖް މާކެޓުގައި މިހާރު އޮތް ޕްރެޝަރަށްވުރެ ބޮޑު ޕްރެޝަރެއް އިތުރުވެގެންދާނެކަމަށެވެ. އަންނަ އަހަރުގެ ބަޖެޓާގުޅިގެން އެންމެ ބޮޑަށް ފާހަގަކުރެވެނީ ދައުލަތުގެ ރިކަރަންޓް ހަރަދުތައް އިތުރުވުންކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ގަވަރުނަރު ވިދާޅުވީ ބޭރުގައި ކުރަމުންދާ ހަނގުރާމަތަކާގުޅިގެން ތެލުގެ އަގުބޮޑުވުމުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖޭގައި ތެލުގެ ރިޒާވް އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. އަދި މިކަމަށް މަޖިލީހުގެ އެހީތެރިކަން ބޭނުންވާކަމަށްވެސް ވިދާޅުވިއެވެ.

މަރުކަޒީ ބޭންކުން ފާހަގަކުރި އަނެއް މުހިންމު ކަމަކީ އަންނަ އަހަރު އެއްފަހަރާ ބޮޑު ދަރަންޏެއް ދައްކަންޖެހޭއިރު އެކަމަށް ތައްޔާރުވާންޖެހޭކަމެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަންނަ އަހަރުގެ އޭޕްރީލްމަހު އެކަނި 600 މިލިއަން ޑޮލަރު ދައްކަންޖެހޭކަމަށާއި، ބޭރުން ނަގާފައިވާ ލޯނުތަކުގެ އިންޓަރެސްޓާއެކު 1 ބިލިއަނަށްވުރެ ގިނަ ޑޮލަރު ދައްކަންޖެހޭނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.