ރަސްމާލެ ހިއްކުމުގެ މަޝްރޫއު ކުރިޔަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހުކުރު ދުވަހުގެ ރޭ ޕީއެންސީގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އަންނަ މަހު އިތުރު ޑްރެޖަރުތައް ގެނެސް މަސައްކަތުގެ ސްޕީޑް ތިން ގުނަ އަށް އިތުރުކުރާނެ ކަމަށެވެ.
1100 ހެކްޓަރުގެ ބޮޑުމިނުގައި ހިއްކާ ރަސްމާލެއިން 15000 ގޯތި ދޫކުރުމުގެ އުސޫލުތައް ކުރިޔަށް އޮތް ހަފްތާގައި އިއުލާން ކުރުމަށްފަހު، އެއް މަސް ދުވަހުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި، ޖުމްލަ 7500 ފްލެޓް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަސައްކަތްތައްވެސް ކުރިޔަށްދާ ކަމަށް ފާހަގަކުރައްވަމުން، 13 ރަށެއްގައި 825 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި، އިތުރު 16 ރަށެއްގައި 1100 ޔުނިޓް އެޅުމަށް 2025 ގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނޮވެމްބަރު 23 ގައި އަންނަ ޑްރެޖަރާއެކު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތްވެސް ފަށާނެ ކަމަށް ރައީސް އިތުރަށް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ