ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިޔުމުން ރައްޔިތުން މިއަދު ހަވީރާއި މިރޭ މުޒާހިރާ ކޮށްފިއެވެ. މިދިޔަ ހޯމަ ދުވަހުން ފެށިގެން ދިމާވެފައިވާ މި ފެނުގެ މައްސަލައިގައި ސަރުކާރުން ވިދާޅުވި ވަގުތުތަކަށް ވެސް ފެން ނުލިބި، އާންމުންގެ ކެތްތެރިކަން ކޮޅުންލާން ފެށި ކަމަށް މުޒާހަރާ ކުރާ މީހުން ބުނެއެވެ.
ފެން ޕްލާންޓު ދޮށަށް އެއްވި ރައްޔިތުން ބުނީ އެންމެ އަސާސީ ހިދުމަތުން މަހުރޫމުވެ ހާލުގައި ޖެހިފައިވާއިރު ސަރުކާރުން އެކަށީގެންވާ އަޅާލުމެއް ނުދޭ ކަމަށެވެ. މި މައްސަލަ ހައްލުކުރަން ސަރުކާރު ނާކާމިޔާބުވެފައިވާ ކަމަށް ބުނެ، މުޒާހިރާ ކުރި ބައެއް ފަރާތްތަކުން ވަނީ ރައީސް ޑރ. މުއިއްޒުގެ އިސްތިއުފާއަށްވެސް ގޮވާފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީގެ ކުރިން ވިދާޅުވީ ފެނަކައިން ދަނީ އެޗްޕީއޭ އާއި އެމްއެފްޑީއޭގެ ލަފަޔާއެކު ޕައިޕްލައިން ސާފުކޮށް ތާނގިތައް ދޮވެ އަލުން ފެން އުފައްދަން ފަށާފައިވާ ކަމަށާއި، ފެންފުޅީގެ ގިނަ އަދަދެއްގެ ކޭސް ވައިގެ މަގުން ފުވައްމުލަކަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މައްސަލައަށް އަދިވެސް ދާއިމީ ހައްލެއް ނުލިބުމުން ރައްޔިތުންގެ ކަންބޮޑުވުންތައް ދަނީ ބޮޑުވަމުންނެވެ.
ކޮމެންޓު ފޮނުވާ