ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކޮށްދޭނީ ގާނޫނާ ގަވާއިދުގެ ތެރެއިން: ރައީސް

ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކޮށްދޭނީ ގާނޫނާ ގަވާއިދުގެ ތެރެއިން: ރައީސް

Author
ޙަސަން މުޙައްމަދު
12 ނޮވެމްބަރ 2025 06:05
0

ކ. ގުޅީގައި ބޭއްވި ބިން ހިއްކުމުގެ މަޝްރޫއު ނިމުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއީ ރައްޔިތުންގެ ސަރުކާރެއް ކަމަށާއި، ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައް ކޮށްދޭނީ ގާނޫނާ ގަވާއިދުގެ ތެރެއިން ދައުލަތަށް ގެއްލުން ނުވާނެ ގޮތަކަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ގުޅީގެ ރައްޔިތުން އެންމެ ބޮޑަށް އެދިވަޑައިގެން، އެމަނިކުފާނު ގާތުގައި ދެންނެވި އެންމެ މުހިންމު މަޝްރޫއަކީ މި ބިން ހިއްކުމުގެ މަޝްރޫއު ކަމަށެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި މަޝްރޫއު ނިމިގެންދިޔަ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި އިތުރުވި ބިމަކީ ގުޅީގެ ތަރައްގީގެ އާ ސަފްހާއެއް ކަމަށެވެ. ރައީސް ވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ބިން ބޭނުން ކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ. ގޯތި ގެދޮރު ބިނާ ކުރުމަށްޓަކައި ހައުސިން މަޝްރޫއުތައް ހިންގައިދިނުމާއި، އިޖްތިމާއީ އުމްރާނީ ތަރައްގީއަށް ބޭނުންވާ ކަންކަމަށް އިސްކަން ދީގެން މަސައްކަތް ކުރުމުގައި ސަރުކާރު ރައްޔިތުންނާއި އެކު ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިރަށު ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުގެ މަސައްކަތް މިއަދު ހަވާލު ކުރެވުނުއިރު، އެ މަޝްރޫއުވެސް ބާރު ސްޕީޑްގައި ކުރިއަށް ދާނެ ކަމަށެވެ. ރަށުގައި މެޝިނަރީސް ހުރުމުން ދާދި އަވަހަށް މި މަޝްރޫއުވެސް ކާމިޔާބުކަމާއެކު ނިމޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޓޫރިޒަމްގެ ބޭނުމަށް އެރަށުން ދޫކޮށްފައިވާ ރައްޔިތުންގެ ބިމުގެ މައްސަލައަށް ހައްލު ހޯދުމުގައިވެސް ސަރުކާރުން ކުރިއަށްދާނީ ރައްޔިތުން ބޭނުންވާ ގޮތަކަށް ކަމަށާއި، ރައްޔިތުންނަށް ފަހިނުވާ ގޮތަކީ ސަރުކާރަށް މަސްލަހަތު އޮތް ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.