13 މިލިއަން ސިނގިރޭޓު ވައްކަން: ދެމީހަކު ކުށަށް އިއުތިރާފްވެ އެކަކު ފިޔަވާ އެހެން އެންމެންގެ ބަޔާން ނަގައިފި

13 މިލިއަން ސިނގިރޭޓު ވައްކަން: ދެމީހަކު ކުށަށް އިއުތިރާފްވެ އެކަކު ފިޔަވާ އެހެން އެންމެންގެ ބަޔާން ނަގައިފި

Author
ޙަސަން މުޙައްމަދު
10 ނޮވެމްބަރ 2025 03:31
0

ރާއްޖެއަށް ވަގަށް އެތެރެކުރި 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އެމްޕީއެލްގެ ހުޅުމާލެ ބަނދަރުން ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި ދެ މީހަކު ކުށަށް އިއުތިރާފްވެފައިވާ ކަމަށް އެނގިއްޖެއެވެ.

މިދިޔަ އެޕްރީލް މަހު ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ މި ސިނގިރޭޓުތައް ގެއްލުނުކަން ފެންމަތީވީ މިދިޔަ މަހު ކުރީކޮޅު އެވެ. މި މައްސަލައިގައި މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، އެންމެން ވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ކުށަށް އިއުތިރާފްވެފައި ވަނީ އެމްޕީއެލްގެ ދެ މުވައްޒަފުންނެވެ. އެއީ، އަހްމަދު ޝަމީމް، 42، ނޫރަލީގެ/ހދ. ވައިކަރަދޫ އާއި ހުސައިން ސާމިހް، 35، ޗާންދަނީގެ/ސ. ހިތަދޫ އެވެ. އެނގިފައިވާ ގޮތުގައި، މި ދެ މީހުން ފިޔަވައި ހައްޔަރުކުރި އެންމެން ވެސް ތަހުގީގަށް އެއްބާރުލުން ދީ، ބަޔާން ވަނީ ނަގާފަ އެވެ.

ނަމަވެސް، ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެޕޯލޯ ހޯލްޑިންސްގެ ހިއްސާދާރެއް ކަމަށްވާ މުހައްމަދު ވަހީދު (ދިގަލި) އަދި މިހާތަނަށް ތަހުގީގަށް ބަޔާނެއް ދީފައެއް ނުވެ އެވެ. އޭނާ ހުންނަމުންދަނީ ހަނުކަމަށް އެނގިފައި ވެއެވެ. ހައްޔަރުގައި ތިބި ދެ ވިޔަފާރިވެރިންގެ ތެރޭގައި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް ވެސް ހިމެނެ އެވެ.

ވަގަށް ނެގި މި ޝިޕްމެންޓުގައި ހިމެނޭ ބްރޭންޑްތަކަށް ޑިއުޓީ ދައްކަން އާންމުކޮށް ކަނޑައަޅާ އަގަށް ބަލާއިރު، ގާތްގަނޑަކަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކުރެވެ އެވެ. މިހާތަނަށް މި ސިނގިރޭޓުތައް ވެސް ފެނިފައެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.