ތެލުން ވައްކަންކުރުން ހުއްޓުވަން ބާޖުތަކުގައި ކެމެރާ ހަރުކުރަނީ

ތެލުން ވައްކަންކުރުން ހުއްޓުވަން ބާޖުތަކުގައި ކެމެރާ ހަރުކުރަނީ

Author
ހުސައިން
05 ނޮވެމްބަރ 2025 08:33
0

ތެޔޮ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ހައްލުކުރުމަށްޓަކައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފާތިމަތު އާޝާން ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އާޝާން ވިދާޅުވީ، މި މައްސަލަ ބޮޑުވުމާ ގުޅިގެން ކުންފުނީގެ ބޯޑުން ބާޖުތަކުގައި ކެމެރާ ހަރުކުރަން ނިންމާފައިވާ ކަމަށާއި، ވަގުތުން މަންޒަރުތައް ބަލާލެވޭނެ މޮޑަމްއާއެކު ޕައިލެޓް ޕްރޮޖެކްޓެއް މިހާރު ދަނީ ކުރިޔަށް ކަމަށެވެ. ދެ ބާޖެއްގައި މޮޑަމް ހަރުކޮށް ނިމިފައިވާއިރު، އިތުރު ތިން ބާޖެއްގައި ހަރުކުރަން ޝެޑިއުލްކޮށްފައިވާ ކަމަށާއި، ޖުމްލަ ފަސް ބާޖުގައި މި ނިޒާމް ހަރުކުރަން ވަނީ ޕްލޭންކޮށްފައި ކަމަށްވެސް އާޝާން ވިދާޅުވިއެވެ.

ސީސީޓީވީ ހަރުކުރުމުގެ އިތުރުން، ބާޖުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކޮންމެ ތިން މަހަކުން ބަދަލުކުރުމަށްވެސް ނިންމާފައިވާ ކަމަށް އާޝާން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މިހާތަނަށް އެކަށީގެންވާ ފިޔަވަޅު ނޭޅި އޮތުމުން އެ މައްސަލަ ބައެއް ބާޖުތަކުގައި އިތުރުވަމުން އައިސްފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި މެނޭޖްމަންޓުން މި މައްސަލަ ވަރަށް ސީރިއަސްކަމާއެކު ބަލާނެ ކަމަށެވެ. މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޖެހޭ ހާލަތްތަކުގައި އެކަން ކުރާނެ ކަމުގެ ޔަގީންކަމާއެކު އާޝާން ވަނީ ވިދާޅުވެފައެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިނގާ އެފްއެސްއެމް އަކީ، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ޚިދުމަތް ދޭ ކުންފުންޏެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.