ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވަނީ ހުޅުމާލެއަށް މާލެ ސިޓީ ކައުންސިލާ ވަކިން އޮންނަ މިނިވަން ސިޓީ ކައުންސިލެއް ގާއިމުކުރުމަށް ގޮވާލައްވާފައެވެ.
'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މެންބަރު ޝަމްހީދު ވިދާޅުވީ، މާލެއާ އަޅާބަލާއިރު ހުޅުމާލެއަކީ ހާއްސަ ސިފަތަކެއް ލިބިފައިވާ ތަފާތު ތަނަކަށް ވާތީ، ވަކި ސިޓީއެއްގެ ގޮތުގައި އޮންނަން ޖެހޭ ތަނެއް ކަމަށެވެ. މާލެ ސިޓީ ކައުންސިލްގެ އަގުލަބިއްޔަތު އޮންނަ ގޮތުން ހުޅުމާލެއަށް ދޭންޖެހޭ އިސްކަން ނުދީފާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެހެން ސިޓީއެއްގެ ކައުންސިލަރުން ހުޅުމާލޭގެ ކަންކަމަށް ބަސް ކިއުމަކީ އެންމެ ރަނގަޅު އުސޫލެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތަނެއްގެ ކަންކަން ބަލަހައްޓައި، ގޮތް ނިންމަން ޖެހޭނީ އެތަނެއްގައި ދިރިއުޅޭ ރައްޔިތުން ކަމަށް ޝަމްހީދު ގަބޫލުކުރައްވާތީ، ހުޅުމާލެ ވަކި ސިޓީއަކަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ރައްޔިތުންގެ މަޖިލީހަށް އޭނާ ވަނީ ގޮވާލައްވާފައެވެ. މިހާރު ހުޅުމާލެ ހިމެނެނީ މާލެ ސިޓީ ކައުންސިލްގެ ދަށުގައި ކަމަށް ވީނަމަވެސް، މުނިސިޕަލް ހިދުމަތްތަކާއި ގިނަ ކަންކަން ބަލަހައްޓަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންނެވެ.
ކޮމެންޓު ފޮނުވާ