ވޭޕް މަނާކުރުމަށްފަހު މާލޭގެ ސްކޫލުތަކުން ފެންނަ ވޭޕް ސްޓިކްތައް ވަރަށް ބޮޑު ތަނުން މަދުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާކުރުމުގެ ކުރިން ދުވާލެއްގެ މައްޗަށް 60 އެއްހާ ވޭޕް ސްޓިކް ފެނިކަމުގައި ވިޔަސް، މިހާރު ހަފްތާއެއްގެ މައްޗަށް އެކެއް ނުވަތަ ދޭއް ވެސް ނުފެންނަ ވަރަށް މަދުވެއްޖެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ޖެނެރޭޝަން ބޭން" ގައި އިއްޔެ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވޭޕް މަނާކުރުމުގެ ކުރިން 200 އަށްވުރެ ގިނަ ސްކޫލުގެ ޕްރިންސިޕަލުންނާއި ބެލެނިވެރިންނާ މަޝްވަރާކޮށްފައިވާ ކަމަށާއި އެ ފަރާތްތަކުން ވޭޕް މަނާކުރުމަށް އެދިފައިވާ ކަމަށެވެ. ދުންފަތް ބޭނުންކުރާ ވަރަށް ގިނަ ބެލެނިވެރިން ވެސް ވަނީ ތިމަންނާއަށް މިކަމުގެ ތެރެއަށް ވަދެވިފައި ނުނިކުމެވިގެން އުޅޭނަމަވެސް ތިމަންނާގެ ދަރިން މިކަން ކުރާކަށް ނޭދޭ ކަމަށް ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ބޮޑު ކުރިއެރުން ހާސިލުވީ ހަމައެކަނި ވޭޕް މަނާކުރުމުން ނޫންކަމަށާއި މުޖުތަމައު ހޭލުންތެރިކުރުވުމަށް ކުރެވުނު މަސައްކަތްތައް ވެސް އެކަމުގައި މުހިންމު ރޯލެއް އަދާކުރި ކަމަށެވެ. 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރުން ތަންފީޒުކުރަން ވަނީ އިއްޔެ ފަށައިފައެވެ.
ކޮމެންޓު ފޮނުވާ