ކްރިމިނަލް ކޯޓު އަދި ސިވިލް ކޯޓުތަކުގެ މަސައްކަތުގެ ސްޕީޑު މަޖިލީހުން ބަލަނީ

ކްރިމިނަލް ކޯޓު އަދި ސިވިލް ކޯޓުތަކުގެ މަސައްކަތުގެ ސްޕީޑު މަޖިލީހުން ބަލަނީ

Author
ޙަސަން މުޙައްމަދު
17 އޮކްޓޯބަރ 2025 09:49
0

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގައި މައްސަލަތައް ބެލުމުގައި އަމަލުކޮށްފައިވާ ގޮތާއި މަސައްކަތުގެ ސްޕީޑު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީގެ މެމްބަރަކު ބައެއް މީޑިއާތަކާއު މައުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ، އެ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކާއި ނިމިފައިވާ މައްސަލަތައް ނިންމުމުގައި އަމަލުކޮށްފައިވާ ގޮތް ބެލުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތަށް ބެލުމުގެ ބޭނުމަކީ މަސައްކަތްތަކުގެ ސްޕީޑު ލަސްވެފައި ހުރުމުން، އެކަން އަވަސްކުރެވޭނެ މަގެއް ހޯދުން ކަމަށް މެމްބަރު ވިދާޅުވެފައި ވެއެވެ. މިހާތަނަށް ބެލިއިރު ކުދިކުދި މައްސަލަތައް ނިންމައި، ބޮޑެތި މަދަނީ އަދި ޖިނާއީ މައްސަލަތައް ވަކިކޮޅެއްގައި ނުޖައްސައި ދިގު މުއްދަތަކަށް ބަހައްޓާފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ ވިދާޅުވީ، މައްސަލަތައް ލަސްވާ ސަބަބުތަކުގެ ތެރޭގައި ދިފާއީ ވަކީލުންނާއި ދައުލަތުގެ ވަކީލުން އަޑުއެހުންތައް ކެންސަލްކުރުމާއި ފުލުހުން ހެކިން ހާޒިރުކުރަން ނުކުރެވުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން، 2008 ގެ ފަހުން ކޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުވެފައި ނުވާތީ އެކަށީގެންވާ މުވައްޒަފުން ނުލިބުމާއި، ކޯޓުތަކުގެ އިމާރާތްތަކުގެ ހާލަތު ގޯސްވެ އެކަށީގެންވާ ވަރަށް ނުހުރުމަކީ ވެސް މައްސަލަތައް ލަސްވާ ސަބަބުތަކެއް ކަމަށް ރިޒާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.