ފެނަކަ ސައީދުގެ މައްޗަށް ކުރެވޭ ދެވަނަ ދައުވާއަށް އިންކާރުކޮށްފި

ފެނަކަ ސައީދުގެ މައްޗަށް ކުރެވޭ ދެވަނަ ދައުވާއަށް އިންކާރުކޮށްފި

Author
ހުސައިން
16 އޮކްޓޯބަރ 2025 09:36
0

ކޮރަޕްޝަންގެ ކުށް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދުގެ މައްޗަށް ތުހުމަތުކުރެވޭ ޚިޔާނާތުގެ އިތުރު މައްސަލައަކަށް އޭނާ މިއަދު ކްރިމިނަލް ކޯޓުގައި އިންކާރުކޮށްފިއެވެ.

ލ. މާމެންދޫގައި ބެހެއްޓި އައިސްޕްލާންޓެއް ފެނަކައަށް ގަތުމުގައި އުސޫލުތަކާ ޚިލާފަށް އަމަލުކޮށް ނާޖާއިޒު ފައިދާ ހޯދި ކަމަށް ތުހުމަތުކުރެވޭ މި މައްސަލައިގައި، ސައީދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެވެ. މި ދައުވާ ސާބިތުވެއްޖެނަމަ މަދުވެގެން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާނެއެވެ.

ޖަލުގައި ހުރި ސައީދު ހާޒިރުކޮށްގެން ބޭއްވި މިއަދުގެ އަޑުއެހުމުގައި ދައުވާ އިއްވުމުން އޭނާ ދައުވާއަށް އިންކާރުކޮށްފައިވާއިރު، ދައުލަތުންވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައެވެ. މި މައްސަލައިގައި ދެން އޮންނާނީ ދިފާއީ ހެކި ހުށަހެޅުމެވެ.

ސައީދު މިހާރު ހަތަރު އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންދަނީ، އެއްވެސް މަސައްކަތެއް ނުކުރަނިސް ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާއެކު ސެޓްލްމަންޓް އެއްބަސްވުން ހަދައި ފައިސާ ދޫކުރި މައްސަލައިގައި ކޮރަޕްޝަންގެ ކުށް ސާބިތުވެގެންނެވެ. އޮޑިޓާ ޖެނެރަލްގެ ޚާއްސަ އޮޑިޓް ރިޕޯޓުގައި ތިން އަހަރު ތެރޭ ބީލަމަށް ނުލައި 1.4 ބިލިއަން ރުފިޔާ ޚަރަދުކުރުމާއި ދެ މިލިއަން ރުފިޔާއަށް ލިބެން އޮތް ބޭނުންކޮށްފައިވާ ޖަނަރޭޓަރުތައް 17 މިލިއަނަށް ގަތުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.