ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ބަންޑާރަ ނައިބުކަން ކުރެއްވި އިބްރާހިމް ރިފްއަތު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހާޒިރުކޮށްފިއެވެ. ރިފްއަތު ހާޒިރުކުރި މައްސަލަ އަދި ހާމަކޮށްފައި ނުވާއިރު، އޭސީސީން ވެސް މިކަމާ ބެހޭގޮތުން އަދި ވާހަކަ ދައްކާފައެއް ނުވެއެވެ.
މި ހަފްތާގެ ކުރީކޮޅު ސަރުކާރުގެ ތިން ވަޒީރުން ވެސް އޭސީސީއަށް ހާޒިރުކޮށްފައިވާއިރު، އެބޭފުޅުންނަކީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއެވެ. މި ތިން ބޭފުޅުން ހާޒިރުކުރީ ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް ބަދަލު ދިން މައްސަލައިގައި ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށް ސުވާލުކުރުމަށެވެ.
ކުރީގެ ސަރުކާރުގެ ވަޒީރުން އަމިއްލަފުޅަށް އޭސީސީއަށް ހާޒިރުކުރަމުން ދާތީ އިދިކޮޅު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް ސޯލިހް ވިދާޅުވީ މިއީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެންބަރުންނަށް ބިރުދައްކާ ސިލްސިލާ ހަރަކާތެއް ކަމަށެވެ. "ސިޔާސީ ނުފޫޒުގައި ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މިޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސްކުރަން،" ސޯލިހް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ